ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައެޅުއްވި އާ މަންދޫބު، ޑރ. ނާޒްނީން އަންވަރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޑރ. ނާޒްނީން ވަނީ އެކަމަނާގެ ލެޓާ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރު ޝާހިދަށް އަރުވައިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ޑަބްލިއުއެޗްއޯގެ ދައުރާއި އަދި ދިވެހި ސަރުކާރާއި ޑަބްލިއުއެޗްއޯގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު އާއި ޑރ. ނާޒްނީން މަޝްވަރާ ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް ދިމާވުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވި އެހީއަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރައްވައި، މިވަގުތު އޮތް ސިއްހީ ހާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާއީ-އިގުތިސާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއުއެޗްއޯއިން އަދާކުރާ ދައުރު ފާހަގަކުރެއްވި ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ވަނީ 1965 އިން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީ އާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު