މަނީލޯންޑަރިންގެ މައްސަލަ ސާބިތު ވެ މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހިންގެވި ހުރިހާ ޖަރީމާއެއް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި އެޅުއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ހުދު ހެދުމެއްގައި ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އިބުރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ޔާމީން ހިންގި ހުރިހާ ޖަރީމާއެއް އިބޫ ބޮލަށް ފައްތައިފަ އަންނި މިހުރީ ހުދު ހެދުމުގައި، ބަލައިލާން ވަރަށް ފައްކާ މަންޒަރެއް،" ކަމަށެވެ.

މިދިޔަ ހޮނިހުރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމާއި މާލޭ ސިޓީ ކައުންސިލްގެ މުހިއްމު ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލި އެ ގޮނޑިތައް އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރުމުންވެސް އިބުރާ ވަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައެވެ.

އިބުރާ ވިދާޅުވީ، އޭނާ އެމްޑީޕީގެ ރައީސްކަން ކުރެއްވިއިރު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އިންތިހާބު ބޮޑުކޮށް ކާމިޔާބު ކުރީ ގޭގައި އިނދެގެން ކަމަށެވެ.

އެހެން އެކަން ކުރީ ޕާޓީއެއް އޮތުމުން ކަމަށާއި، މިހާރު ޕާޓީ ނެތް ކަމަށާއި، މިހާރު ހުރީ މީހެއް ކަމަށް، ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި އިބުރާ ވިދާޅުވިއެވެ.

ދެން އެމްޑީޕީ ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ ގިނަ ބަޔަކު ޕާޓީއާ ދުރަށް ޖެހުނީ ކީއްވެތޯ ބަލާފައި ކަމަށާއި، ޕާޓީގެ ހިންގުމަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް އެ ނަތީޖާ ލިބުނީ ސަރުކާރު ހިންގަން ވީ ކޮންތާކުން ކާކުކަން ނޭނގިގެން އުޅެން ހަދައިގެން ކަމަށާއި، ފިލައި އިނދެ ތާ އަބަދު މީހުނަށް ވަގަށް ގޮވަން ހަދައިގެން ކަމަށްވެސް ބުނެފައިވެއެވެ. އަދި ވެރިކަމަކީ ތިމާގެ ތަރިކައެއްކަމަށް ހީކުރެވިގެން ކަމަށާއި، ރައީސް ނަޝީދު (އަންނި) ފެއިލްވެފައިވާ ކަމަށްވެސް އިބުރާ ވިދާޅުވެފައިވެއެވެ.