އެތުލެޓިކް ބިލްބާއޯ ބަލިކޮށް، ބާސެލޯނާއިން ކޮޕާ ޑެލްރޭގެ ތަށި އުފުލާލައިފިއެވެ.
ރޭ ކުޅުނު ފައިނަލް މެޗު ބާސާއިން 4-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، ފައިނަލްގެ ވިދުން ގަދަ ތަރިއަކީ ބާސާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މެޗުގެ 12 މިނެޓު ތެރޭގައި ބާސާއިން ހަތަރު ގޯލް ޖަހާފައިވާއިރު، އޭގެ ތެރެއިން ދެ ގޯލް ޖަހާފައި ވަނީ މެސީއެވެ. މެސީގެ ފުރަތަމަ ގޯލަކީ ތަފާތު މޮޅު ގޯލެއްވެސް މެއެވެ.
ފައިނަލް މެޗުގެ 60 ވަނަ މިނެޓާ ހަމައަށް ބިލްބާއޯއިން ބާސާ ހިފެހެއްޓިއެވެ. އެތައް ހަމަލާއެއް ބާސާގެ ފަރާތުން ފެނުނު ނަމަވެސް އެޓީމަށް އުނދަގޫވީ ގޯލް ފޫއަޅުވާލުމަށެވެ. ބާސާގެ ފުރަތަމަ ގޯލް އެންޓޮއިން ގްރީޒްމަން ބޮލުން ކާމިޔާބު ކޮށްދިންއިރު، އޭގެ އިރުކޮޅެއް ފަހުން ފްރޭންކް ޑިޔޮންގެ ގޯލާއެކު ބާސާއިން މެޗުގެ ނަތީޖާ 2-0 އަކަށް ބަދަލު ކޮށްލިއެވެ.
ދެން ފެނުނީ މެސީގެ ޖާދުލެވެ. ޑިޔޮންގާއެކު ދެފަހަރަށް ވަން ޓޫ ޕާހެއް ޖަހައި، އަރިމަތިން ބޯޅަ ހިފައިގެން ވަދެ، ތިން ޑިފެންޑަރުން ނައްޓާލުމަށްފަހު ބޯޅަ މަޑުމަޑުން ވައްދާލީ ގޯލްގެ ތިރީ ކަނަށެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ޖޯޑީ އަލްބާ ނެގި ހުރަހަކުން މެސީގެ ދެވަނަ ގޯލްވެސް ޖަހައި ނަތީޖާ ބޮޑުތަނުން ޔަގީން ކުރިއެވެ.
މިއަހަރުގެ ކޮޕާ ޑެލްރޭއަކީ 2019 ވަނަ އަހަރަށްފަހު ބާސާއިން ކާމިޔާބު ކުރި ފުރަތަމަ ތަށްޓެވެ. ލީގުގައި މިވަގުތު ބާސާ ތިންވަނައިގައި އޮތްއިރު، މެޗަށްފަހު ކޯމަން ބުނެފައި ވަނީ ކްލަބަށް މި ސީޒަނަށް ގެނައި ބަދަލުތަކާއެކުވެސް ތަށްޓެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ތަށްޓާއެކު ކޯޗު ކޯމަންއަށް ބާސާގައި މަޑުކުރުމަށް ޔަގީންކަމެއް ލިބިގެން ގޮސްފައިވާއިރު، އޭނާއަށް އަދިވެސް އޮތް އެންމެ ބޮޑު ޗެލެންޖަކީ މެސީ ކްލަބުގައި މަޑުކުރުވުމެވެ. މިދިޔަ ސީޒަނަށްފަހު މެނޭޖުމަންޓާ މައްސަލަ ޖެހި މެސީ ބާސާ ދޫކޮށްލަން އަމިއްލައަށް އެދުނުއިރު، އޭނާ ކުރިން ބުނެފައި އޮތީ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެ ކަމަށެވެ. އެހެންނަމަވެސް އާ ރައީސާއެކު މެސީ މަޑުކުރާނެ ކަމަށްވެސް އުންމީދު ވަނީ ބޮޑު ވެފައެވެ
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު