އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީ ބަލިކޮށް، ޗެލްސީން 15 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭ ވެމްބްލީގައި ކުޅުނު މެޗު ޗެލްސީން 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، ރޭގެ މެޗުން ބަލިވުމާއެކު ސިޓީއަށް ސީޒަންގެ ހުރިހާ ތަށްޓެއް ނެގުމަަށް އޮތް ފުރުސަތު ވަނީ ގެއްލިފައެވެ.
ލީގު ކަޕްގެ ފައިނަލްގައިވެސް ސިޓީ އޮތްއިރު، ލީގުވެސް ކާމިޔާބު ކުރާނެ ކަމުގެ ބޮޑު ޔަގީން ކަމެއް ސިޓީއަށް އެބައޮތެވެ. އޭގެެ އިތުރުން ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ސިޓީ މިވަގުތު އޮތްއިރު، އެޓީމުން ޓާގެޓް ހިފާފައި އޮތީ ހަތަރު ތަށްޓަށެވެ. އެހެން ނަމަވެސް ރޭ ޗެލްސީ އަތުން ބަލިވެ، ޑޮމެސްޓިކް އެންމެ މުހިއްމު އެއް މުބާރާތާ ވަކިވާން ޖެހުނީއެވެ.
ޗެލްސީންވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މިދިޔަ ހަފްތާ ތެރޭގައި ޔަގީން ކޮށްފައިވާއިރު، މެޗަށް ނުކުތްއިރު ޗެލްސީއާއި ސިޓީއަކީވެސް މިވަގުތު އެންމެ ފޯމުގައި އޮތް އިނގިރޭސި ދެޓީމެވެ. އާ ކޯޗު ތޯމަސް ޓުކެލްއާއެކު ޗެލްސީން ސީޒަންގެ ފޯމް ބޮޑުތަކުން ރަނގަޅު ކޮށްފައިވާއިރު، ރޭގެ މެޗަށްފަހު އޭނާ ބުނެފައި ވަނީ ބަލިކުރެވުނީ ޔޫރަޕްގެ އެންމެ މޮޅު ޓީމު ކަމަށެވެ.
ޗެލްސީން ރޭގެ މެޗުގެ ކުރީކޮޅުން ފެށިގެންވެސް ރަނގަޅަށް ކުޅުނު ކަން ފާހަގަ ކޮށްލެވުނެވެ. ސިޓީގެ ވަރުގަދަ އެޓޭކް ހުއްޓުވުން އެކަންޏެއް ނޫނެވެ. އެޓޭކިންގައިވެސް ވަރުގަދަކޮށް ފެނުނީ ޗެލްސީގެ ހަކިމް ޒިޔެޗާއި ޓީމޯ ވާނާގެ އިތުރުން މޭސަން މައުންޓެވެ.
މެޗުގެ ފުރަތަމަ ހާފް 0-0 ގެ ނަތީޖާއަކުން ނިމިގެން ގޮސްފައިވާއިރު، ދެވަނަ ހާފްގެ ފެށުން ވެގެން ދިޔައީ ސިޓީއަށް މާޔޫސީ ފެށުމަކަށެވެ. ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ކެވިން ޑިބްރޭނާއަށް އަނިޔާވެ ދަނޑުން ބާލަން ޖެހުނުތާ އިރުކޮޅެއްވެސް ނުވަނީސް ޗެލްސީން ލީޑުވެސް ނެގިއެވެ.
އަރިމަތިން ވާނާގެ ބާރު ދުވެއްޔާއެކު އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޒިޔެޗް ނިންމާލީ މުޅިން ހުހަށް އޮވެ ފަސޭހަ ކަމާއެކުގައެވެ.
ޗެލްސީން ވަރުގަދައަށް ޑިފެންސްކޮށް ކުޅެފައިވާއިރު، ފަހު 15 ވަރަކަށް މިނެޓްގައި ސިޓީން ކުރިއަށް ޖެހި ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަން މަސައްކަތް ކުރިއެވެ. މެޗުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ރޮޑްރީ ބޮލުން ޖެހި ހަމަލާއެއް ޗެލްސީ ގޯލްކީޕަރު ކެޕާ އަރީޒާ ބަލާގާ މަތަކޮށް ބޭރުކޮށްލާފައިވާއިރު، ޗެލްސީ ފައިނަލް ޔަގީން ކުރިއެވެ.
ޗެލްސީއާ ދެކޮޅަށް ފައިނަލްގައި ކުޅޭނެ ޓީމު ޔަގީންވާނީ ލެސްޓާ ސިޓީއާއި ސައުތުހެމްޓަން ކުޅޭ ސެމީ މެޗަށްފަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު