އުތުރުތިލަފަޅު ތަރައްގީ ކުރުމަށް ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އަދި ކުރިން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ވެރިޔަކަށް ހުންނެވި ކުރީގެ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) ދެއްކި ވާހަކަތައް އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ގެނެސްދިން ޕްރޮގްރާމެއްގައި އުތުރުތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުން ހުއްދަ ހޯދަންޖެހޭ ކަމަށް ބުނެ ޕާޕާ ދެއްކި ވާހަކަތައް ދޮގުކޮށް އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްއެންޑީއެފް ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއް ކަމަށާއި އަދި އެތަނަށް އަރައި ފޭބުމަށް ބޭނުންވާނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ ކަމަށެވެ.

އޭގެ އިތުރުން ހދ. ހަނިމާދޫ އެއާޕޯޓުގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށްވެސް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފްގެ ބަޔާނުގައި ޕާޕާ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ގޮތްވެސް ކިޔައިދީފައިވެއެވެ.

އެގޮތުން ޕާޕާއަކީ ތަފާތު ގިނަ އަހުލާގީ މައްސަލަތަކެއް ޖެހި، ސުލޫކީ މައްސަލަތަކެއްގައި 2015 ވަނަ އަހަރު ސިފައިންގެ ކާނަލެއްގެ މަގާމުން ކެޕްޓަނެއްގެ މަގާމަށް ޑީޕޯޓްކޮށްފައިވާ އަދި ފަހުން 2016 ވަނަ އަހަރު ކެޕްޓަނެއްގެ މަގާމުން ލެފްޓިނަންޓެއްގެ މަގާމަށް ޑީމޯޓްކޮށްފައިވާ މީހެކެވެ. ޕާޕާ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައެވެ.