ރާއްޖޭގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، އިންޓަނޭޝަނަލް ޓީޓީ ފެޑަރޭޝަންގެ އަންހެން ޔޫތު ރޭންކިންގެ ގަދަ 10 ގެ ތެރޭގައި ރޭންކް ކޮށްފިއެވެ.
އައިޓީޓީއެފްގެ އަންހެން ޔޫތު ޑިވިޝަންގައި ރޭންކް ކުރެވޭނީ އުމުރުން 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންނެވެ. އުމުރުން އުމުރުން 13 އަހަރުގެ ދީމާ 15 އަހަރުން ދަށުގެ ރޭންކިންގައި ދުނިޔޭގެ އަށްވަނައިގައި ރޭންކް ކޮށްފައިވާއިރު، އުމުރުން 17 އަހަރުން ދަށުގެ އަންހެން ރޭންކިންގައިވެސް ދީމާ މިހާރު އޮތީ 41 ވަނައިގައެވެ. އެއީ ރާއްޖޭގެ ޓީޓީ ތާރީހަށް ބަލާއިރުވެސް ރޭންކިންގައި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
ދީމާ އަށްވަނައިގައި ރޭންކް ކޮށްފައިވާއިރު، އޭނާގެ ފަހަތުން ޖަޕާނާއި، އިންޑިއާ އަދި ޗައިނާ ފަދަ އޭޝިއާގެ ޓީޓީގައި ފާހަގަކޮށްލެވޭ ގައުމުތަކުގެ ވަރުގަދަ ނަންތައް ފެންނަނީ ލިސްޓްގައި ދީމާގެ ފަހަތުންނެވެ.
ދީމާއަކީ ރާއްޖޭގެ ޓީޓީ ބަދަލުކޮށްލި ހުނަވެރި ކުޅުންތެރިއެކެވެ. އެންމެފަހުގެ ގައުމީ ޗެމްޕިއަންކަންވެސް ހޯދާފައިވާ ދީމާ ވަނީ ސަރަހައްދީ އެކިއެކި މުބާރާތްތަކުގައިވެސް ރާއްޖޭއަށް ރީތި ނަން ހޯދައިދީފައެވެ. ދީމާ އަކީ 2019ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ތަރިއެވެ. އައިއޯއައިޖީގައި ރާއްޖޭގެ ނަން ފަވާލަ ދިން އެތުލީޓަކީ ދީމާއެވެ. ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސްއިން ހޯދި ތާރީހީ ބޮޑު ކާމިޔާބީގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީވެސް އެޓީމުގެ އެންމެ ހަގު ކުޅުންތެރިޔާ، ދީމާއެވެ.
އައިއޯއައިޖީގައި ދީމާ ވަނީ ޓީޓީގެ މިކްސް ޑަބަލްސް ފިޔަވައި، އެހެން ހުރިހާ އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ. އެއީ ބައިނަލްއަގުވާމީ ކުޅިވަރު ގޭމްސްއަކުން މީގެ ކުރިން ދިވެހި އެތުލީޓަކަށް ލިބިފައިވާ ވަރުގެ ކާމިޔާބީއެއް ނޫނެވެ. ދީމާ ވަނީ މިއަހަރުގެ އައިއޯއައިޖީގެ އަންހެން ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުގެ ރަން މެޑަލް ހޯދައިފައެވެ.
އޭގެ ފަހުން ތައިލެންޑްގައި ކުޅުނު ހޯޕްސް މުބާރާތުންވެސް ދީމާ ރާއްޖެއަށް ރިހި މެޑަލް ގެނެސްދީފައިވާއިރު، ސައުތު އޭޝިއަން ގޭމްސްއިންވެސް ދީމާ ވަނީ ރާއްޖެއަށް ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިދީފައެވެ.