ކީރިތި ޤުރްއާނަކީ އަރަހުށި މާތްﷲ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ބާވައިލެއްވި ފޮތެވެ. އެފޮތަކީ އަރަހުށި މާތްﷲ ގެ ނިޝާންތަކުގެ ތެރެއިން ނިޝާނެކެވެ. އެފޮތަކީ އެންމެހައި އިންސީންނާއި ޖިންނީން ބައިވެރިވެގެން ވެސް އެފަދަ ފޮތެއް އެކުލަވައިލެވޭނެ ފޮތެއް ނޫނެވެ. ޚުދު އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް އެކަލޭގެފާނު އަމިއްލަފުޅަށް އެފަދަ ފޮތެއް ތަސްނީފެއް ނުކުރެއްވޭނެއެވެ. އެކަލޭގެފާނަކީ އުންމީ ނަބިއްޔެކެވެ.
ކޮންމެ ރަސޫލުބޭކަލަކަށްވެސް މުއުޖިޒާތަކެއް ދެއްވިއެވެ. މުއުޖިޒާއަކީ އެއްވެސް އިންސާނަކަށް އެފަދަކަމެއް ގެނެސްގަތުމުގެ އެކަށޭނަލިބިގެންނުވާ އާދަޔާ ހިލާފު ކަންތައްތަކެވެ. މިގޮތުން ރަސޫލު ބޭކަލުންނަށް ދެއްވި މުއުޖިޒާތައް ލައްވައިފައިވަނީ އެޒަމާނެއްގައި އެންމެ ކުރިއަރައިފައިވާ ފަންނަކަށް ގޮންޖަހައިލެވޭފަދަ ކަންތައްތަކެއް ކަމުގައެވެ.
ސަލާމް ލެއްވި އީސާގެ ފާނުގެ ޒަމާނަކީ ބޭސްވެރިކަން ކުރިއަރައިފައި އޮތް ދުވަސްވަރެކެވެ. އެހެންކަމުން އީސާގެފާނަށް ދެއްވީ ބޭސްވެރީން ނުކުޅައްދައިލާ ފަދަ މުއުޖިޒާތަކެކެވެ. މަރުވެފައިވާ ތަކެތި ދިރުއްވުމެވެ. އުފެދުމުގައިވެސް ލޯފަންމީހުންނަށް ލޮލުގެ ފެނުން ދެއްވުމެވެ. މަށީންދޫންޏެއްގެ ސޫރަ ހައްދަވައިފައި އެއަށް ފުމެލެއްވުމުން ހަޤީޤީ ދޫންޏަކަށް ވުމެވެ. ސަލާމްލެއްވި މޫސާގެފާނުރަސޫލުކަމައިގެން ވަޑައިގެންނެވީ ސިހުރުވެރިކަން ނިހާޔަތަށް ކުރިއަރައިފައިވާ ދުވަސްވަރެއްގައެވެ. އެހެންކަމުން މޫސާގެފާނަށް ދެއްވީ ސިހުރުވެރީންނަށް ގެނެސް ނުގަނެވޭފަދަ މުއުޖިޒާތެކެވެ. އޭގެތެރެރިން އެންމެ ހާއްޞަކަމަކީ އެކަލޭގެފާނުގެ އަސާކޮޅު ޙަޤީޤީ ހަރުފަޔަކަށް ބަދަލުވުމެވެ.
އެހެނިހެން ރަސޫލުންނަށް ދެއްވި މުއުޖިޒާތައް ފެނިފައިވަނީ އެވަގުތަކު ހާޒިރުވެތިބި ބަޔަކަށެވެ. އިސްލާމްދީނުގެ ނަބިއްޔާއަކީ ނަބީބޭކަލުންގެ ސާހިބާއެވެ. އެހެންކަމުން އެކަލޭގެފާނަކީ އެންމެ މުއުޖިޒާތައް ގިނަ ނަބިއްޔާއެވެ. އެކަލޭގެފާނަށްވަނީ އެވަގުތަކު ހާޒިރުވެތިބިބަޔަކަށް އެކަނި ފުނުނުގިނަގުނަ މުއުޖިޒާތަކަކާއި ދުނިޔެ ދެމިއޮތްހައި ހިނދަކު ފިލައިގެންނުދާނެ އަބަދީ މުއުޖިޒާއެއް ދެއްވައިފައެވެ. އެވަގުތަކު ހާޒިރުވެ ތިބި ބަޔަކަށް އެކަނިފެނުނު މުއުޖިޒާތަކުގެ މިސާލަކީ ހަނދު އިރުއްވުމެވެ. ނުހަނު މަދު ކާއެތި ކޮޅަކުން އެތައްބަޔަކު ބަނޑު ބޮޑުވަންދެން ކާންދެއްވުމެވެ. އަތްތިލަފުޅުގެ އިނގިލިފުޅުތަކުގެ މެދުން ކޯދުލައިފައި ފެން އެރުމެވެ. އަދި މިނޫންވެސް އެތައް ކަމެކެވެ.
އިސްލާމްދީނުގެ ނަބިއްޔާގެ އެންމެ ވަރުގަދަ އަދި ތާއަބަދަށް ދެމިހުންނަ މުއުޖިޒާއަކީ ކީރިތި ޤުރްއާނެވެ. އެ ޤުރްއާން ބާވައިލެއްވީ ބަހުގެ އަދަބުގައި އިންތިހާޔަށް ކުރިއަރައިފައިވާ ބައެއްގެ ތެރެޔަށެވެ. އެހެންކަމުން އެފޮތުގައި ގޮންޖައްސަވައިފައިވަނީ އިންސީންނާއި ޖިންނީން އެއްވެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެގެން ވެސް އެފަދަ ފޮތެއް ނުއުފެއްދޭނެކަމުގައެވެ. އަދިކީއްތޯއެވެ. އެފޮތުގެ އެންމެ ކުރު ސޫރަތާ އެއްވަރުގެ ސޫރަތެއްވެސް ނުއުފެއްދޭނެކަމުގައެވެ. މިއީ ހަމައެކަނި މީގެ ސާދަސައްތަ އަހަރުކުރީގެ އަރަބީންނަށް އޮތް ގޮންޖެއްސެވުމެއް ނޫނެވެ. ގިޔާމަތާ ހަމަޔަށް އެންމެހައި އިންސީންނާއި ޖިންނީންނަށް އޮތް ގޮންޖެއްސެވުމެކެވެ.
އިންޞާފަށް ލޯބިކުރާ އެންމެން އެފޮތުގެ މާތްކަމާއި މަތިވެރިކަމަށް އިޢުތިރާފުވެއެވެ. އިންސާނާގެ ދުނިޔަވީ ޙަޔާތާއި، އުޚުރަވީ ޙަޔާތަށް މަންފާ ހުރި ކޮންމެ ޢިލްމެއް އެކަމަށް ވަކާލާތު ކުރެއެވެ. ސަލާމަތް ބުއްދި އެކަމަށް އިޢުތިރާފުވެއެވެ. އެކަން ތަޞްދީޤު ކުރެއެވެ. އެއްވެސް މީހަކަށް އަނިޔާއަކަށް ނުވަތަ އިހާނެތިކަމަކަށް ނުވަތަ ބޭއިންޞާފަކަށް ހިމެނޭ އެއްވެސް ވާހަކައެއް އެފޮތަކު ނުވެއެވެ. އެފޮތަކީ އަދަބު އަޚްލާޤުގެ މަޞްދަރެކެވެ. ތަޢުރީފު ލިބިގެންވާ ހުރިހާ ރީތި ސިފަތަކެއްގެ މަންބަޢެކެވެ. ކީރިތި ޤުރުއާނުގައި ވަނީ ތެދު ޙަޤީޤަތެވެ. ތެދުވެރި ވެވޭނެ ގޮތެވެ. ޢިއްފަތްތެރިކަމާއި ޢަދުލުއިންޞާފަށް މަގުދެއްކުމެވެ. ވަޢުދު ފުއްދުމާއި، އަމާނާތް އަދާކުރުމުގެ ފިލާވަޅުތަކެވެ. ޔަތީމުންނާއި މިސްކީނުންނަށް ފުރިހަމަޔަށް އިޙުސާންތެރިވުމުގެ އަމުރުފުޅެވެ. ދުވަސްވީ މީހުންނާއި، އަވަށްޓެރީންނާއި، މެހުމާނުންނަށް މާތްކޮށް ހިތުމުގެ އެންގެވުމެވެ.
ކީރިތި ޤުރްއާން ބާރުއަޅަނީ އިސްރާފުކުރުމުގެ ދުރުހެލިވުމަށެވެ. ޙަލާލު ކޮންމެ އެއްޗެއްގެ މަންފާ ލިބިގަތުން އެފޮތް ހުއްދަކުރެއެވެ. ތަޤުވާވެރި ވުމަށާއި، ހެޔޮލަފާ ދިރިއުޅުމަކަށް އަމުރުކުރެއެވެ. ލަދުހުތުރުކަމާއި، ފާފަތަކަށް އަރައިގަތުމާއި، އަނިޔާވެރިވުމާއި އެނޫންވެސް ހުރިހާ ނުބައިކަމެއް މަނާކުރެއެވެ.
ދީން
ދީން
ދީން
ދީން