ރިޕޯޓް

ރައީސް ވަހީދަށް "ފިލި ވަހީދު"ގެ ނަމުން މުހާތަބު ކުރީ ކީއްވެ؟

ރިފާ ހަލީލު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ، ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެ ކުރެވުނު ބުރަ މަސައްކަތުގެ ތެރެއިން އެމަނިކުފާނު ވަނީ އޭރުގެ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ކަން ވެސް ކުރައްވާފަ އެވެ. އަދި 2012 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެ ވަޑައިގެން ދެ އަހަރެއްހައި ދުބަސް ވާންދެން އެމަނިކުފާނު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

2012 ވަނަ އަހަރު އުފެދުނު ސިޔާސީ ހަމަނުޖެހުމުގެ ތެރެއިން އެތައް ބަޔަކު އެމަނިކުފާނާ ދެކޮޅަށް ނިކުމެ ތަފާތު ނަންނަމުން މުހާތަބުކޮށް، އެކި ގޮތް ގޮތުން ވަނީ ފުރައްސާރަ ކޮށްފަ އެވެ. އެގޮތުން އެމަނިކުފާނަށް ބާގީ ވަހީދު، ކާޅު ވަހީދު އަދި ފިލި ވަހީދުގެ ނަމުން ބައެއް ފަރާތްތަކުން މުހާތަބު ކުރެއެވެ. އަދި އުސްފަސްގަނޑު ސަރަހައްދުގައި އެމަނިކުފާނާ ދެކޮޅަށް އެތައް ހަރަކާތްތަކެއްވެސް ވަނީ ބާއްވާފަ އެވެ.

ވަން އޮންލައިންގެ ޑިޖިޓަލް ޓީވީ، "ވަން ޕްލަސް" އިން މި ރޯދަ މަހަށް ހާއްސަކޮށްގެން ގެނެސްދޭ "ފަސް ސުވާލު" ޕްރޮގްރާމްގެ ތެރެއިން ޕްރެސެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ވަހީދު ވަނީ އެމަނިކުފާނަށް ކިޔުނު ނަންތަކާއި އެނަންތައް ކިޔުނު ގޮތް ހިއްސާކުރައްވާފަ އެވެ.

ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނަށް އެންމެ ފުރަތަމަ ވަނަމަކުން މުހާތަބު ކުރެވުނު ނަމަކީ "ބޭރޫތު ވަހީދު"ގެ ނަމުން ކަމަށެވެ. އެއީ އެމަނިކުފާނު ބޭރޫތަށް ކިޔަވައި ވިދާޅުވާން ވަޑައިގަތުމުން ކަމަށެވެ. އޭގެ ފަހުން އެމަނިކުފާނު އެޑިއުކޭޝަން ދާއިރާގައި މަސައްކަތް ކުރެއްވި ކަމަށާއި އެ ދާއިރާގައި ހުންނަވަނިކޮށް ސަރުކާރުން ޓީވީ މޯލްޑިވްސް އުފައްދައި ޓީވީގައި މަސައްކަތް ކުރުމަށް އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ. އޭގެ ފަހުން ޓީވީ މޯލްޑިވްސްގައި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ހަބަރާއި އެކިއެކި ޕްރޮގްރާމްތައް ހެއްދެވި ކަމަށެވެ.

ޓީވީގައި މަސައްކަތް ކުރައްވަނިކޮށް އޭރު އެކުގައި އުޅުނު ގިނަ މީހުންތައް އެމަނިކުފާނަށް "ޓީވީ ވަހީދު"ގެ ނަމުން މުހާތަބު ކުރެއްވި ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ރާއްޖެއިން ބޭރަށް ވަޑައިގެން ޕީއެޗްޑީ ނަންގަވައި އެނބުރި ރާއްޖެ ވަޑައިގަތުމުން ޕީއެޗްޑީ ވަހީދުގެ ނަމުން ވެސް ބައެއް ފަރާތްތަކުން މުހާތަބު ކުރި ކަމަށް ވިދާޅުވި އެވެ.

ޑރ. ވަހީދު ވިދާޅުވީ މިއީ އެމަނިކުފާނު ސިޔާސީ ދާއިރާއާ ދުރުގައި އުޅުއްވުމުން ލިބިވަޑައިގެންނެވި ޝަރަފުވެރި ނަންތަކެއް ކަމަށެވެ.

ފިލި ވަހީދުގެ ނަމުން މުހާތަބު ކުރީ ކީއްވެ؟

"އަޅުގަނޑު ވަރަށް ހައިރާންވޭ ތި ސުވާލު ކުރެއްވީމަ. އަޅުގަނޑަކީ ވަރަށް ތަފާތު ކަންކަން ކުރި މީހެއް. އެކި ދުވަސްވަރު އެކި މީހުން އަޅުގަނޑަށް ތަފާތު ނަންނަން ކިޔާ. އެކި ބާވަތް ބާވަތުގެ ލަގަބުތައް އަޅުގަނޑަށް ދޭ. ހަގީގަތަށް ދަންނަވާ ނަމަ އެ ދުވަހު އަޅުގަނޑު ރާއްޖެ ދޫކޮށް ނުދިޔަ ނަމަ މިއަދު އަޅުގަނޑު މި ގޮނޑީގަ ނުހުންނާނެ." ވާހަކަ ފައްޓަވަމުން ޑރ ވަހީދު ވިދާޅުވި އެވެ.

ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނު 1989 ވަނަ އަހަރު ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެން، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރު ކަމަށް ވާދަކުރައްވައި މާލޭގެ ދެ ގޮނޑިން އެއްގޮނޑިއަށް ހޮވިވަޑައިގެންވި ކަމަށެވެ. އޭގެ ފަހުން ސިޔާސީ ގޮތުން ގިނަ ބަޔަކަށް އެމަނިކުފާނު އެނގިވަޑައިގަތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ހޮވިވަޑައިގެންނެވި ފަހުން އޭރުގެ ސަރުކާރުން ވަރަށް ބޮޑެތި އުދަނގޫތަކާ ކުރިމަތިކުރި ކަމަށާއި ޑިމޮކްރަސީއަށް ގެނައުމަށް ޓަކައި އޭރު ރާއްޖޭގައި މަސައްކަތް ކުރި ގިނަ ބަޔަކު ޖަލަށް ލާން ފެށި ކަމަށެވެ. އެގޮތުން އެމަނިކުފާނާއި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ އެއްބަނޑު އެއްބަފާ ހުރިހާ ފިރިހެން ކުދިން ޖަލަށް ލައި އަނިޔާ ކުރި ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް އަނިޔާ ދިނުމުން އެ ދުވަސްވަރު އަޅުގަނޑަށް ވިސްނުނީ ދެން މިހިސާބުން މި މަގާމުން ދުރުވެލަން ޖެހިއްޖެ ކަން. އެހެންވެގެން އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިން އިސްތިއުފާ ދީފަ އަޅުގަނޑު ފުރައިގެން ދިޔައީ ރާއްޖެއިން ބޭރަށް. އެދުވަހު އަޅުގަނޑު ފުރައިގެން ނުދިޔަ ނަމަ އަޅުގަނޑުގެ މުޅި ހަޔާތް އޭރުގެ ސަރުކާރުން ހަލާކު ކޮށްލީސް." ފިލި ވަހީދުގެ ނަމުން މުހާތަބު ކުރެވުނު ގޮތް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. ވަހީދު ވިދާޅުވީ އޭރުވެސް މިހާރުވެސް އެމަނިކުފާނާ މެދު ހިތްހަމަ ނުޖެހޭ ބަޔަކު ތިބި ކަމަށާއި "ފިލި ވަހީދު"ގެ ނަމުން މުހާތަބު ކުރަން ފެއްޓީ ވެސް އޭރު ހިތްހަމަ ނުޖެހިފަ ތިބި ފަރާތްތަކުން ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނަށް ގިނަ މީހުން މުހާތަބުކޮށް އުޅޭ ނަމެއް ނޫން ކަމަށްވެސް ޑރ. ވަހީދު ފާހަގަ ކުރެއްވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކޮންމެ ގޮތަކަށް ސިޔާސީ މަސްރަހު އޮތް ކަމުގައިވީ ނަމަވެސް އެމަނިކުފާނަށް ގިނަ ބަޔަކު އިހުތިރާމް ކުރާ ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ މިހާރުވެސް އެމަނިކުފާނު ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަމުން ގެންދަވާ ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް މަސައްކަތްޕުޅު ކުރައްވަން ވިސްނަވާފައި އޮތީ ސިޔާސީ ހަރަކާތްތަކުގައި ކަމަށެވެ.

ރައީސް ވަހީދު ވަނީ ދާދި ފަހުން ފަހުން އިދިކޮޅު ޕީޕީއެމް އާ ގުޅިވަޑައިގެންފަ އެވެ. އަދި މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމުގެ މަސައްކަތް ރައީސް ވހީދުވެސް ގެންދަވަނީ ކުރައްވަމުންނެވެ.