ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލައި ރާއްޖެ އާދެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ދެންމެ ނެރުނު އުސޫލުގައި ބުނެފަައިވަނީ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ އުސޫލަށް އަމަލުކުރާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެ އުސޫލުގަައި ބުނީ އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ދެ ހަފުތާ ފަހުން ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް މިފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އެރަށެއްގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓަށް ބަލާނެ ކަމަށާއި އެގޮތުން ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތައަށް ވުރެ މަތީ ރަށަކަށް ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަމަށެވެ.

އުސޫލުގައި ބުނީ، ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަވެސް ޕީސީއާރު ނެގެޓިވް ނަތީޖާއެއް ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން އެ އުސޫލުގައި ބުނީ، ފަތުރުވެރީން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓު އޮންނަން ނުޖެހުމާއި ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެކަމުންވެސް ބައެއް ފަރާތްތައް ވަނީ އިސްތިސްނާކޮށްފައެވެ.

  • ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
  • ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
  • ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
  • ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

ރާއްޖޭގައި ދެވަނަ ޑޯޒް ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިންގެ އެކަންޏެވެ. އެގޮތުން މިހާތަނަށް ތިންލައްކައެއްހާ މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، 25،000 އަށްވުރެ ގިނަ މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި އަންނަނީ ފައިޒާ ވެކްސިނާއި ސައިނޮފާމް ވެކްސިންވެސް ދެެމުންނެވެ.