މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ ދަތި ދުވަސްވަރެއްގައި ބޭއްވި އެންމެ ފޯރިގަދަ އެއް އިންތިހާބެވެ. ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ދޭތިން އެކައްޗަށް" ނުކުތް އިންތިހާބެކެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދޫކޮށްލި ފަހުން ބޭއްވި ފުރަތަމަ އިންތިހާބަށް ވުމަކީ އިންތިހާބުގެ ފޯރި އިތުރުވި ކަމެކެވެ. އިންތިހާބުގެ ކެމްޕޭން ފޯރި އަތޮޅުތެރެއެކޭ އެއްގޮތަށް މާލޭ ސިޓީގައި ވެސް ގަދަވިއެވެ. މާލޭ ސިޓީގެ މޭޔަރު ކަމާއި ސިޓީ ކައުންސިލްގެ މެޖޯރިޓީ ނެގުމަށް ދެ ޕާޓީން ފޫގަޅައި ކެމްޕޭން ކުރަމުން ދިޔަ އިރު، އެންމެ ފޯރިއާއެކު ކެމްޕޭން ކުރި އެއް ދާއިރާއަކީ ހުޅުމާލެ ދާއިރާއެވެ. އެ ދާއިރާއަށް އިދިކޮޅުން ނުކުންނެވީ، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއުއެވެ. އެމްޑީޕީގެ ޓިކެޓުގައި ސުޖާއުއާ ވާދަކުރެއްވީ ނޫސްވެރިޔާ އަދި ޓީވީ ޕްރެޒެންޓަރު ރިޒްނާ ޒަރީޒެވެ.

އިންތިހާބުގެ ދުވަސް ކުޑަތަންވަމުން އައިވަރަކަށް ދެ ބޭފުޅުންގެ ކެމްޕޭންވެސް ދިޔައީ ފުޅާވަމުންނެވެ. ބެނާތަކާއި ދިދަފަތިތަކާއި ޕޯސްޓަރުތަކުން ފެހިކަން ގަދަ ހުޅުމާލެ ފުރާލިއެވެ. ދޮރުން ދޮރަށް ހިނގުމާއި އެނޫންވެސް ގޮތްގޮތަށް ކެމްޕޭން ކުރިއެވެ. ރިޒްނާއަކީ ކުރިން ސިޔާސީ ދާއިރާގައި އެހާ ބޮޑަށް ހަރަކާތްތެރިވި ބޭފުޅެއް ނޫނެވެ. ނަމަވެސް ސުޖާއު އަކީ ސިޔާސީ މައިދާނުގައި ފުންނާބު އުސް އަޑު ހަރު ބޭފުޅެކެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހުރި އެންމެ ކެރޭ ބޭފުޅަކީ ސުޖާއުއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ސުޖާއު ފަދަ ތަޖުރިބާކާރު ބޭފުޅަކާ ރިޒްނާ ވާދަކުރައްވާތީ އިދިކޮޅު ބައެއް މެންބަރުންގެ ފާޑުކިޔުންވެސް އަމާޒުވިއެވެ. އެގޮތުން "ނޫސްވެރިޔަކަށް އުޅެފައި އައިސް ސުޖާއާ ވާދަކުރަން ލަދުގަންނަން ޖެހޭނެ" ކަމަށް ބައެއް މެންބަރުން ވިދާޅުވެފައި އެބަހުއްޓެވެެ. ނަމަވެސް ވާހަކަތަކާ ގުޅިގެން ރިޒްނާގެ ދިފާއުގައި ގިނަ ބަޔަކު ވަނީ ވާހަކަދައްކައިފައެވެ.

އިންތިހާބުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ސުޖާއު ވިދާޅުވަމުން އައީ ހުޅުމާލޭގެ ގޮނޑި އޭނާއަށް ޔަގީން ކަމަށެވެ. އިތުބާރާއި ޔަގީންކަމާއެކު ސުޖާއު އެހެން ވިދާޅުވި އިރު، އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވި ބައެއް މީހުންވެސް ވަނީ ސުޖާއުއަށް ތާއީދުކުރައްވައިފައެވެ. އޭގެ ތެރޭގައި ބައެއް ވިޔަފާރިވެރިންވެސް ހިމެނެއެވެ. ކައުންސިލް އިންތިހާބުގައި ސުޖާއު ހެއްދެވި ހިސާބު ދިމާވި އިރު، މިފަހަރު ރިޒްނާއަށް ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. ހުޅުމާލޭގެ ގޮނޑި، ބޮޑު އަގުލަބިއްޔަތަކުން ނެގީ ސުޖާއުއެވެ.

ހުޅުމާލޭގެ ގޮނޑި ސުޖާއު ނެގި އިރު މޭޔަރުކަން ހިމެނޭހެން މާލޭ ސިޓީ ކައުންސިލްގެ 12 ގޮނޑި ކާމިޔާބުކޮށް މާލެ ސިޓީގެ މެޖޯރިޓީ ނެގީ އިދިކޮޅު ކެންޑިޑޭޓުންނެވެ. މޭޔަރު ކަމަށް އިންތިހާބުވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ސުޖާއު ގެނައުމުގެ މަސައްކަތް އިދިކޮޅު ސަޕޯޓަރުން އަންނަނީ ހަރުކޮށް ކުރަމުންނެވެ. އިދިކޮޅު ކެންޑިޑޭޓުންގެ ތެރެއިން ދެން ޑެޕިއުުޓީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލިމާލޭގެ ގޮނޑި ކާމިޔާބުކުރެއްވި ނަހުލާ އަލީއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީން އެމްޑީޕީއަށް ލިބުނު ބައެއް ނާކާމިޔާބީއާއެކު ބައެއް ކެންޑިޑޭޓުންގެ ނުރުހުން ޕާޓީއަށް އަމާޒުވިއެވެ. ބައެއް ކެންޑިޑޭޓުން އަދިވެސް ތިބީ ބަލި ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. ނަމަވެސް ހުޅުމާލޭ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރިޒްނާގެ ފަރާތުން ފެނިގެން ދިޔައީ ނަމޫނާއެކެވެ. އޭނާއާ ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި ސުޖާއުއާ އެކީ އެއް މޭޒެއްގައި ރިޒްނާ ވަނީ ރޯދަވީއްލައި މަޝްވަރާކުރައްވައިފައެވެ.

ދެ ބޭފުޅުން ރޯދަވީއްލުމަށް އިންސާފުކުރައްވަން ތިއްބެވި ފޮޓޯއެއް ހިއްސާކުރެއްވުމަށްފަހު ރިޒްނާ ވަނީ ސުޖާއުއަށް މަރުހަބާ ވިދާޅުވެ، އޭނާގެ ފުރިހަމަ އެއްބާރުލުން ސުޖާއުއަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ހުޅުމާލޭ ރައްޔިތުން އެދޭ ބަދަލު ސުޖާއުގެ ކައުންސިލްކަމުގައި ހުޅުމާލެއަށް ގެނެސްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރިޒްނާ ވިދާޅުވިއެވެ.

ބަލި ގަބޫލުކުރައްވައި ރިޒްނާ ދެއްކެވި ނަމޫނާއަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންގެ ލޯބި ވެސް ވަނީ ލިބިފައެވެ. އަދި އެތައް ބަޔަކު އަންނަނީ އެކަމަށްޓަކައި ރިޒްނާއަށް މަރުހަބާ ކިޔައި، ރިޒްނާއަށް ތައުރީފުކުރަމުންނެވެ. ބައެއް ރައްޔިތުންގެ ނަޒަރުގައި ހަގީގީ ޑިމޮކްރަސީއަކީ ރިޒްނާގެ ނަމޫނާއެވެ.