ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށި ފަހުން ދެ ހަފުތާ ވެފައިވާ އިރު، ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 28،970 އަށް އަރައިފިއެވެ.
ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދޭން ފެށީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، 3601 މީހުން ޖަހާފައިވާ ކަމަށާއި އެއާއެކު ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 28،970 އަށް އަރާފައިވާ ކަމަށެވެ.
ކޮވިޑުން ދިފާއުވުމުގެ ގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 274،782 އަށް އަރައިފައެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހަންދާ މީހުން ގިނަވުމާ ގުޅިގެން ވެކްސިން ޖަހައިދޭ ވަގުތު އެޗްޕީއޭ އިން މިއަދު ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން ރޯދަ މަހު ވެކްސިން ޖަހައިދޭން ނިންމާފައި އޮތީ ރޭގަނޑު 9:00 އިން 11:00 އަށެވެ. ނަމަވެސް ވެކްސިން ޖަހަންދާ މީހުންގެ އަދަދު އިތުރުވުމުން އެޗްޕީއޭ އިން މިއަދު ވަނީ އެ ވަގުތަށް އިތުރު 45 މިނެޓް އިތުރުކޮށްފައެވެ. އެއާއެކު މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ ރޭގަނޑު 9:00 އިން 11:45 އަށެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ ސެންޓަރަކުން ދޭނެ ކަމަށެވެ. އެއީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާއެވެ.
ނަމަވެސް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުގައި ވެކްސިން ދޭނީވެސް ރޭގަނޑު 9:00 އިން 11:45 އަށެވެ.
ކޮވިޝީލްޑާއި ސިނޯފާމްގެ އިތުރުން ރާއްޖޭގައި މިހާރު ފައިޒާ ވެކްސިން ވެސް ދެމުންދެއެވެ. ފައިޒާ ވެކްސިން ދެނީ 16 އަހަރާއި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނަށާއި 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު