ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެއްވި ފަހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށް ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމުގެ ސަބަބުން މިއަދު ބޭއްވި ޕޮލިސް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ގޭގައި އައިސޮލޭޝަނުގައި ހުންނަވައި ވާޗުއަލްކޮށް ކަމަށެވެ.
ސީޕީ ހަމީދު ވަނީ ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ހަތް މެންބަރުންނަށް މަރުހަބާ ދަންނަވައިފައެވެ.
ސީޕީ ހަމީދު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާފައިވާ އިރު، އޭނާ ވަނީ އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޮވިޝީލްޑްގެ ދެ ޑޯޒް ފުރިހަމަކުރައްވައިފައެވެ. އެގޮތުން ފުރަތަމަ ޑޯޒް ސީޕީ ޖެއްސެވީ ފެބްރުއަރީ ހަތްވަނަ ދުވަހުއެވެ. އަދި ދެވަނަ ޑޯޒް ޖައްސަވާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
ކޮވިޝީލްޑް ދެ ޑޯޒް ފުރިހަމަ ކުރި ނަމަވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ދެ ޑޯޒް ފުރިހަމަ ކުރެއްވުމުން ބަލީގައި ހާލަތު ގޯސްވުން ކުޑަވާނެ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.
ސީޕީ ހަމީދު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާފައިވާ އިރު، އޭނާ އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ އެއް ދުވަސްކުރިން އެ އިންތިހާބަށް ހާއްސަކޮށްގެން ފެށި ފުލުހުންގެ އޮޕަރޭޝަން ފައްޓަވައިދެއްވުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ހަފްލާގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު