ހދ. ކުޅުދުއްފުށީގައި ހުރި އޭޓީއެމް، ސެލްފް ސާވިސް ބޭންކިން ސެންޓަރަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ މި ސެލްފު ސާވިސް ސެންޓަރު ގާއިމުކޮށްފައިވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗު ހުރި އިމާރާތުގައި ކަމަށެވެ. މިއާއެކު ކުޅުދުއްފުށީގައި ދެ ސެލްފް ސާވިސް ބޭންކިން ސެންޓަރު މިވަނީ ގާއިމުކޮށްފައެވެ. ފުރަތަމަ ސެލްފު ސާވިސް ސެންޓަރު ގާއިމުކޮށްފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގައެވެ.

ބީއެމްއެލުން ބުނީ، މި ދެ އޭޓީއެމް މެދުވެރިކޮށް ފަސޭހަކަމާއެކު 24 ގަޑި އިރު ބޭންކިން ހިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ސެންޓަރު މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބުންޏެވެ.

ދާދި ފަހުން ބީއެމްއެލުން ވަނީ ހދ. މަކުނުދޫގައި މުޅިން އަލަށް ސެލްފު ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި ގދ. ފަރެސްމާތޮޑާގެ އޭޓީއެމް ސެންޓަރު އަލުން ހުޅުވައިފައެވެ.