ބައިނަލްއަގުވާމީ އާކިޓެކްޗާ އެވޯޑް ޕްރޮގްރާމެއް ކަމުގައިވާ "ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް (އޭ.އެމް.ޕީ)"ގެ ފަރާތުން ކޮންމެ އަހަރަކު ދޭ އޮނަރަބަލް އެވޯޑް ހުޅުމާލެ މާސްޓާ ޕްލޭނަށް ލިބިއްޖެ އެވެ.

ހުޅުމާލެއަކީ، މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖުތިމާއީގޮތުންނާއި އުމްރާނީގޮތުންވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުރިހަމަ މާސްޓާ ޕްލޭނެއް އެކުލަވާލައިގެން ތަރައްގީކުރަމުން އަންނަ ރަށެކެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ މި މަޝްރޫއަށް ބައިނަލްއަގުވާމީ ގޮތުން ގިނަ އިނާމުތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ އާކިޓެކްޗާ އެވޯޑް ޕްރޮގްރާމެއް ކަމުގައިވާ "ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް (އޭ.އެމް.ޕީ)"ގެ ފަރާތުން ކޮންމެ އަހަރަކު އާކިޓެކްޗާ ދާއިރާއިން ދެމުން އަންނަ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒްގެ ހޮނޮރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗާ/ އާބަން ޕްލޭނިންގެ އެވޯޑް ހުޅުމާލެ މާސްޓާ ޕްލޭނަށް ލިބިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗާ އަދި އާބަން ޕްލޭނިންގެ ރޮނގުން ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއްގެ އަގު ވަޒަން ކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓު ކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ. މިގޮތުން ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ހޮނަރަރީ އެވޯޑު އެރުވުމާ ގުޅިގެން އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ހުޅުމާލޭގެ މާސްޓާ ޕްލޭނަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭނެއްކަން ފާހަގަ ކޮށްފަ އެވެ.

އެޗްޑީސީން ބުނީ ޒަމާނީ ފެންވަރެއްގައި ތަރައްގީކޮށް ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.