ވޭތުވެދިޔަ ދެ ދުވަހު މާލެ ތެރޭގައި ކުނި ގިނަވީ އުސޫލަށް ނުފެތޭ ބޮޑެތި ބަރު ކުނިތައް މަގުމައްޗަށް ނެރުމުން ކަމަށް ވެމްކޯ އިން ބުނެފިއެވެ.

ވޭތުވެދިޔަ ދެ ދުވަހު މާލޭ މަގުމަތީގައި ކުނި ގިނަވި ސަބަބު ހާމަކުރުމަށް މިއަދު ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، އެކަން އެގޮތަށް ދިމާވީ ކުނި ނެގުމުގެ އުސޫލަށް ނުފެތޭ ބަރު އަދި ބޮޑެތި ކުނިތައް މަގުމައްޗަށް ނެރުމުން ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ ކަމުގެ ޝަކުވާ ކުންފުންޏަށް ލިބިފައިވާ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

"މި ދެންނެވުނު ކުންޏަކީ މި ކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ ބަރު އަދި ބޮޑެތި ކުނިކަން ވަނީ ފާހަގަކުރެވިފައި،" މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރަމުންދާ ވެމްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެފަދަ ކުނިތައް އުކާލުމަށް ވެމްކޯގެ 'ކެޕްސް' ހިދުމަތް ބޭނުންކުރުމަށް ވެމްކޯ އިން ވަނީ އެދިފައެވެ. އެއީ ބަރު ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނިން ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އަގުހެޔޮ ޕިކަޕް ހިދުމަތް ކަމަށް ވެސް ވެމްކޯ އިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް ދެނީ މިވަގުތު އޮތް ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑްއާ ގުޅިގެން ހިދުމަތް ހޯދާ އެންމެހާ ފަރުދުންގެ ރައްކާތެރިކަމަށް ބަލައިގެން ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

އެހެންނަމެވެސް ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ނުކޮށް ބައެއް ގޭބިސީންނާއި ވިޔަފާރިތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ވަނީ ބުނެފައެވެ. އަދި އެކަން ކުށްވެރިކޮށް އެކަމާ ވެމްކޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވެމްކޯއިން ވަނީ އެކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކުން ދައްކަން ޖެހޭ އުޖޫރައިގެ މަތިން ހަނދާންކޮށްދީފައެވެ. އަދި ހިދުމަތަށް ރެޖިސްޓްރީކޮށް، ބަރާބަރަށް ފީ ދެއްކުމަށް ވެސް ވަނީ އެދިފައެވެ.

އެހެން މަސްތަކާ ހިލާފަށް ރޯދަ މަހަކީ ކުނި ގިނަ މަހެއްކަން ފާހަގަކޮށް ވެމްކޯއިން ބުނީ، މި މަހުގައި ގެތަކުން ކުނި ގެންދިއުމަށް ހަމަޖައްސާފައިވަނީ ރޭގަނޑު 10 އިން 11 އަށް ކަމަށެވެ.