މެންޗެސްޓާ ސިޓީއާއެކު ޗެމްޕިއަންސް ލީގެއް ކާމިޔާބު ނުކުރެވިއްޖެ ނަމަ އަމިއްލައަށް ލޭބަލް ކުރާނީ ފެއިލިއާއެއްގެ ގޮތުގައި ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ސިޓީން މިރޭ ޑޯޓުމަންޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ގާޑިއޯލާ ބުނެފައި ވަނީ ސިޓީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، ޗެމްޕިއަންސް ލީގެއް ނުނެގިއްޖެނަމަ، އެއީ ފެއިލްވުން ކަމަށެވެ.
ސިޓީއާއެކު ދެފަހަރަށް ޕްރިމިއާ ލީގާއި އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައިވާ ގާޑިއޯލާގެ އެންމެ މުހިއްމު ޓާގެޓަކީ މި ސީޒަންގެވެސް ޗެމްޕިއަންސް ލީގެވެ. ކްލަބު ތާރީހުގައި މިހާތަނަށް ސިޓީއަށް ޗެމްޕިއަންސް ލީގު ނެގިފައި ނުވާއިރު، އެ ކްލަބުން ބޮޑެތި ހަރަދުތަކެއް ކޮށް، ގާޑިއޯލާ ގެންދިޔައީވެސް އެ ތަށި ހޯދުމަށެވެ.
ޑޯޓުމަންޑް މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައި ވަނީ ފުރަތަމަ ލެގުން މޮޅުވެފައި އޮތުމަކީ މެޗުގެ ފޯކަސް ގެއްލުވައިލަން ޖެހޭ ކަމެއް ނޫން ކަމަށާއި، ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަނީ އެގޮތަށް ކަމަށެވެ.
"އަހަންނަށް އެނގޭ ސިޓީއާއެކު ޗެމްޕިއަންސް ލީގު ނުނެގިއްޖެނަމަ އަހަންނަކީ ފެއިލިއާއެއް ކަން. އެކަމަކު އެ ތަށި ނަގާ ހިސާބުން އަހާލާނެ އެންމެންވެސް އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ޕެޕް ގުނާލެވޭނީ ކިހާ ހިސާބެއްގައިތޯ. އަހަރެން މި ވިސްނައިދެނީ ކުޅުންތެރިންނަށް މި މެޗު ނަގަން ޖެހޭ ކަމުގެ މުހިއްމު ކަން. އަދި ޗެމްޕިއަންސް ލީގަކީ ސަމާލު ވާން ޖެހޭ މުބާރާތެއް. ފުރަތަމަ ލެގަކީ މިހާރު އޮތް ހާލަތުން އެއްވެސް ވަރަކަށް ވިސްނަން ޖެހޭ ލެގެއް ނޫން،" ގާޑިއޯލާ ބުނެފައިވެއެވެ.
ޑޯޓުމަންޑުން އަވޭ ގޯލެއް ޖަހާފައި އޮތުމާއެކު 1-0 އިން ސިޓީ ބަލިކޮށްގެންވެސް ސެމީއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ސިޓީން ކުޅެފައި ނުވާއިރު، ކޮންމެހެންވެސް މި ސީޒަނުގައި ސިޓީން ނުކުންނާނީ އެކަން ހާސިލް ކުރުމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު