ތ. އަތޮޅު އޮމަދޫން މީހަކު ޕޮޒިޓިވް ވެ އެރަށް މޮނިޓަރިން އަށް ލައިފި އެވެ.

އޮމަދޫ ކައުންސިލް ރައީސް ހާރޫން މުހައްމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެރަށުން ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން އެ އަތޮޅު ވޭމަންޑޫ އަށް ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ. އަދި އެމީހާ އަކީ ވޭމަންޑޫން ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓްވި މީހެއް ކަމަށްވެސް ވިދާޅުވި އެވެ.

ހާރޫން ވިދާޅުވީ މި މީހާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނިގެން އިއްޔެ ޓެސްޓު ކުރި ކަމަށާއި އަދި ރޭ ދަންވަރު ނަތީޖާ ލިބުނު އިރު އޭނާ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މިހާތަނަށް އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި ހަ މީހަކު އެބަތިބި ކަމަށާއި އެމީހުން ކަރަންޓީނު ކޮށްފައިވާ ކަމަށް ހާރޫން ވިދާޅުވި އެވެ.

ހާރޫން އިތުރަށް ވިދާޅުވީ ވޭމަންޑޫ އަށް ދަތުރުކުރި 150 މީހުން މިހާރުވެސް ކަރަންޓީނުގައި އެބަތިބި ކަމަށެވެ.

ވޭމަންޑޫން މާލެ ގެނައި ދެ މީހަކު ޕޮޒިޓިވް ވެ އެރަށް މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކުރި ފަރާތްތައް ވެސް ކަރަންޓީނު ވުމަށް ވަނީ އަންގާފަ އެވެ.