ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފައިވާކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް މުއިއްޒު، ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 270 ދުވަސް ތެރޭގައި ނިންމާ ގޮތަށް 113.19 މިލިއަން ރުފިޔާއަށެވެ.

އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.

އެމްޓީސީސީން ބުނެފައިވަނީ ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ 15.40 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.