ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައިގެން އެ އުސޫލުތަކަށް ފުރިހަމައަށް އިހުތިރާމް ކުރާ ބަޔަކަށް ވުމާއެކު، ރަމަޟާން މަސް ފަދަ މާތް މައްސަރަކާ ކުރިމަތިލާ އިރު، އިސްލާމީ ރީތި އުސޫލުތަކަށާއި މުޖުތަމައުގެ ހަމަޖެހުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިޔާމް މިހެން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ރަމަޟާން މަހުގެ ހެޔޮއެދުންތައް ފޮނުއްވައި ނެރުއްވި ކުރު މެސެޖެއްގަ އެވެ.
ރަމަޟާން މަހަކީ މާތް ﷲ މަތިވެރިކުރައްވާފައިވާ ވަރަށް މަތިވެރި ރޫހާނީ މައްސަރެއް ކަމަށާއި އެހެން ކަމުން މި މާތް މައްސަރުގެ ބަރަކާތާއި ދަރުމަ ލިބިގަނެ މާތް ﷲ އަންގަވާފައިވާ ގޮތުގެ މަތީން ރޯދަ ހިފައި ރޭއަޅުކަން ކޮށް ސޮދަޤާތް ދީ ގިނަގިނައިން ކީރިތި ޤުރުއާން ކިޔެވުން އިތުރުކުރުމަށް ވެސް ސިޔާމް ގެ މެސެޖުގައި ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
ރަމަޟާން މަހަކީ މުސްލިމުންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަމަޖެހުން ގާއިމުކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަން ސިޔާމް ގެ މެސެޖުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
ކުރިމަތިވެފައި މިވާ ކޮވިޑް 19 ގެ ހާލަތުން އަރައިގަތުމަށް ދިވެހި ހުރިހައި ރައްޔިތުންވެސް ގަދައަޅައި މަސައްކަތް ކުރުމަށް ސިޔާމްގެ މެސެޖުގައި ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. އަދި މި ދަނޑިވަޅުގައި ވީހާވެސް ގިނަ ބޭފުޅުން ވެކްސިން ޖައްސަވައި މި ބަލިމަޑުކަމުން އަރައިގަތުމަށް އެހީތެރިވެދެއްވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު
މެންބަރު އަހުމަދު ސިޔާމު މުހައްމަދު