މިވަގުތުވެސް ފައިގެ ކުޑަ ކަޅުވާގެ އަނިޔާއެއްގައި ހުރި ސާޖިއޯ ރާމޯސް، އެނބުރި އަންނަން ގާތް ވެފައިވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުގެ ކެޕްޓަން ރާމޯސް ކޮވިޑަށް ޕޮޒިޓިވްވެ، ސެލްފް އައިސޮލޭޝަންގައި ހުރި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ރާމޯސް ކޮވިޑަށް ޕޮސިޓިވް ވުމާއެކު އެ ކްލަބުން ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގެ މެޗު އޭނާއަށް ގެއްލޭނެއެވެ.
ފުރަތަމަ ލެގުގެ މެޗު ރާމޯސްއަށް އަނިޔާގެ ސަބަބުން ގެއްލުނު ނަމަވެސް، ރެއާލް އިން ވަނީ މެޗު 3-1 އިން ކާމިޔާބުކޮށްފައެވެ. ދެން އޮތް މެޗުވެސް ރާމޯސްއާ ނުލައި ރެއާލްއަށް ކުޅެން ޖެހިފައި އޮތް އިރު، މިހާތަނަށް ސީޒަންގައި ރާމޯސްއަށް ވަނީ އަނިޔާގެ ދެ މައްސަލައެއް ކުރިމަތިވެ މެޗުތައް ގެއްލިފައެވެ.
ލަފާ ކޮށްފައިވާ ގޮތުގައި ޗެމްޕިއަންސް ލީގު މެޗުގެ އިތުރުން ރެއާލް އިން ލީގުގައި ދެން ކުޅެން އޮތް ދެ މެޗުވެސް ރާމޯސްއަށް ގެއްލޭނެއެވެ. އަނިޔާގެ އިތުރުން ކޮވިޑުން ރަނގަޅުވެ ރާމޯސް އަންނާނެ ކަމަށް ބެލެވެނީ މިމަހުގެ 24 ވަނަ ހިސާބުގައެވެ.
މި ސީޒަންގެ ނިޔަލަށް ރާމޯސްއާއެކު ރެއާލް އިން ހަދާފައިވާ އެއްބަސްވުން އާވާ އިރު، އޭނާ ކްލަބުގައި މަޑުކުރާނެކަން ނޫނީ ކްލަބު ދޫކޮށްލާނެކަން އަދި ނުނިންމައެވެ. ހަބަރުތައް ބުނާ ގޮތުން، މި ސީޒަނަށްފަހު ރާމޯސް ކްލަބު ދޫކޮށްލާނެ ކަމަށްވެސް ބެލެވެއެވެ. އޭނާ ހޯދުމަށް ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު