މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާ އިތުރަށް ކަށަވަރު ކުރުމަށް މިއަދު ބައެއް ވޯޓު ފޮށިތައް ދެވަނަ ފަހަރަށް ގުނަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލް ސައުޝަން މޫސާ ވިދާޅުވީ، މިއަދު 1:30 ގައި ގުނަން ފަށާ ވޯޓު ފޮށި ތަކަކީ، އިލެކްޝަން ކޮމިޝަނަށް ފާހަގަ ކުރެވޭ ބައެެއް ކަންތައްތައް ހުރުމުން އިތުރަށް ގުނަން ޖެހިގެން ކުނާ ވޯޓު ފޮށިތަކެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިހާބުގެ ދާއިރާތަކުގެ ނަތީޖާ ޝީޓްތައް ކަށަވަރު ކުރުމަށް ބޭނުންވާތީ މިހާތަނަށް ފާހަގަ ކުރެވިފައިވާ ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނުން މިއަދު ކުރިއަށް ދާނީ އިންތިހާބާ ބެހޭ މަރުކަޒުގެ ރީރަޖިސްޓްރޭޝަން ހޯލްގައި ކަމަށެވެ.
އެ ވޯޓު ފޮށިތައް ގުނަމުންދާއިރު، އެ ވޯޓުފޮށިތަކާ ގުޅުން ހުރި ކެނޑިޑޭޓުންނަށް އެތަނަށް ވަޑައިގެންދެއްވުމަށް އެދި އެސްއެމްއެސް އިން ދައުވަތު އަރުވާފައިވާ ކަމަށާއި، މީޑިއާއަށްވެސް ދައުވަތު އަރުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެގޮތަށް 18 ވޯޓު ފޮއްޓެއް މިއަދު ގުނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސައުޝަން ވިދާޅުވީ، އެ ވޯޓު ފޮށިތަކަކީ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން މައްސަލަ ހުރިކަމަށް ހުށަހެޅި ވޯޓުފޮށިތަކެއް ނޫން ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް ރޭ އިއުލާން ކުރަން ފަށާފައިވާ އިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ ބައެއް ވޯޓް ފޮށިތައް އަލުން ގުނަން ހުށަހަޅައިފައެވެ. އެއީ މާލޭގެ ފަސް ވޯޓު ފޮއްޓަކާއި އައްޑޫގަައި ބެހެއްޓި ހަތަރު ވޯޓު ފޮއްޓެކެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން