ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކޮށް، އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލްއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީއެންއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ އައިޑީ ކާޑުގެ މައުލޫމާތު ނަހަމަ ގޮތުގައި ވަގަށް ނަގައި، ސޮއި ފޯޖުކޮށްގެން އެ މީހުން އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާ ކަމަށެވެ. މިއީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަށް އަރައިގަތުން ކަމަށާއި، މި މައްސަލައަކީ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ހިންގާފައިވާ ބޮޑު "އައިޑެންޓިޓީ ތެފްޓް"ގެ ޖިނާއީ ޖަރީމާއެއްގެ ގޮތުގައި އެ ޕާޓީންވަނީ ސިފަކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި، އިންތިހާބުތަކާއި ސިޔާސީ ހަރަކާތްތައް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމުގެ އެންމެ މަތީ މަސްއޫލިއްޔަތު އޮތީ އީސީއަށްކަމަށް ޕީއެންއެފުން ބުންޏެވެ. އެހެންކަމުން، އެ ކޮމިޝަނުގެ އެންމެ އިސް ވެރިޔާގެ އިހުމާލުން ނުވަތަ ބައިވެރިވުމާ އެކު މިފަދަ އަމަލުތަކެއް ހިންގުމަކީ ޑިމޮކްރެޓިކް ނިޒާމުގެ ބިންގަލަށް ލޮޅުން އަރާނެ ނުރައްކާތެރި ކަމެއްކަމަށް ޕީއެންއެފުން ބުންޏެވެ.

ޕީއެންއެފުން ބުނީ، މެންބަރުންގެ ރުހުމަކާ ނުލައި މަކަރާއި ހީލަތުން ޕާޓީ ބަދަލުކުރާ މި މައްސަލާގައި ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ މެންބަރުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ސާބިތުކަމާ އެކު އަޅަމުން ގެންދާނެކަމަށް ޕީއެންއެފުން ބުންޏެވެ.