ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބޭ ވޯޓުލުމުގެ ހައްގަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބިނާ ކުރަން ލިބޭ ބޮޑު އަމާނާތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
މިއަދު ފާހަގަކުރާ ވޯޓުލާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އީސީން ބުނީ މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ.
"ވޯޓުލާ މީހުންގެ ހައްގުތަކާއި އިންތިހާބީ ނިޒާމަށް މިހާރަށް ވުރެ ބޮޑަށް އިތުބާރު އުފެއްދުން. އަދި ވޯޓުލުމުގެ މުހިންމުކަން އަންގައިދީ އިންތިހާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން. ވޯޓުލުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ އަސާސީ ހައްގަކަށްވާ އިރު، އެއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބައްޓަން ކުރުމަށް ލިބޭ ބޮޑު އަމާނާތެކެވެ،" އީސީން ބުނެއެެވެ.
އެހެންކަމުން ވޯޓު ދިނުމުގައި ވަގުތީ ފައިދާއަށް ބެލުމުގެ ބަދަލުގައި، ދީނާއި ގައުމަށް ތެދުވެރި، ގާބިލު މީހަކު އިހުތިޔާރު ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.
ވޯޓުލާ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!" އެވެ.
ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް އީސީން ނިންމާފައިވަނީ ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހެވެ. ރާއްޖޭގައި މި ދުވަސް ފާހަގަ ކުރަން ފެށީ 2015 ވަނަ އަހަރު ހއ. ހޯރަފުށީގައި ބޭއްވި "ޑިމޮކްރަސީ ހަފުތާ"ގައެވެ.
އީސީން އިތުރަށް ބުނީ ވޯޓުލާ މީހުންގެ ދުވަސް މިދިޔަ ތިން އަހަރު އެކި ހަރަކާތްތަކާ އެކު ކުލަގަދަކޮށް ފާހަގަކޮށްފައިވާ އިރު، ވޯޓުލާ މީހުން އިތުރު ކުރުމަކީ އެ ކޮމިޝަނުން އަބަދު ވެސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ.
ފާތިމަތު ލިއުޝާ
އިލެކްޝަންސް ކޮމިޝަން
ކޮމެންޓް