ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ގާނޫނާ ހިލާފަށް ސާބިތުނުހިފޭ ތުހުމަތުތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، ގާނޫނުގައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނަސޭހަތްތެރިވެއްޖެއެވެ.
އީސީން އެކަމަށް ނަސޭހަތްތެރިވެ މިއަދު ނޫސްބަޔާނެއް ނެރެފައިމިވަނީ، ހައުސިން މިނިސްޓްރީ ކުރިން ހިންގަމުންދިޔަ އިމާރާތުގައި ރޯކޮށްލީ ކާކުކަން ފުލުހުންނަށް އެނގޭނެ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް ބޭފުޅެއްކަންވެސް އެނގޭނެ ކަމަށް ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށެވެ. ނަމަވެސް އެ ތުހުމަތުތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވައިފައެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ފުލުހުންގެ ތަހުގީގަކަށް މައުލޫމާތުދިނުމަށް ހާޒިރުވާން އެންގުމުން ރައީސް ޔާމީން ފަހުން ވިދާޅުވެފައިވަނީ، ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އީސީން ނެރުނު ނޫސްބަޔާނުގައި ބުނީ، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ރ) އާ ހިލާފު ކަމެއް ކަމަށެވެ. މިއީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް އީސީން ބުންޏެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގަކަށްވީ ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކުގައި ކަމަށާއި އެހެންކަމުން ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގާނޫނީ އިމުގެ ތެރޭގައި ތިބުމަށް އެދޭ ކަމަށް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ހަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައިވާ ސުލޫކީ މިންގަނޑަށް ތަބާވުމަށް އީސީން ވަނީ އަންގައިފައެވެ. އަދި އެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާ ހިލާފުނުވާ ގޮތުގެމަތިން އެންމެހައި ސިޔާސީ ޕާޓީތަކުން އަމަލުތައް ބެހެއްޓުމަށް ވެސް އީސީން ވަނީ އެދިފައެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ކޮމެންޓް