މަސް ނިމޭއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އިތުރުކުރެވިގެން ދާނެ ގޮތް އުރީދޫން ހަދައިފިއެވެ.
އުރީދޫން ރަމަޟާން މަހަށް ހާއްސަކޮށް ތައާރަފުކުރި އޮފާތަކާ ގުޅޭގޮތުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫގެ ޕޯސްޓްޕެއިޑްގެ ޕްލޭންތަކުގެ 600 އިން މަތީގެ ހުރިހާ ޕެކޭޖުތައް ބޭނުންކުރާ ފަރާތްތަކަށް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހަށް ގެންދެވޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި މަހުގެ ބާކީ ޑޭޓާ ހުރެއްޖެއްޔާ ދެން އަންނަ މަހަށް ގެންދެވޭނެ. އަޅުގަނޑުމެންގެ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ 600 އިން މަތީގެ ޕްލޭންތަކުގެ ބާކީ ހުންނަ ޑޭޓާ ދެން އަންނަ މަހަށް ގެންދެވޭނެ. އޭޕްރިލް މަހުގެ ހުންނަ ޑޭޓަތައް މެއި މަހަށް ގެންދެވޭނެ،" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، އުރީދޫ އާޗާ ޕެކޭޖުގެ ދަށުން ކޮންމެ ދުވަހަކު ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ތިން ޕެކޭޖެއް އަލަށް ތައާރަފުކޮށްފައިވާ ކަމަށެވެ. އެގޮތުން 600 ރުފިޔާގެ ޕެކޭޖަކާއި 800 ރުފިޔާގެ އަދި 1،000 ރުފިޔާގެ ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ވިދާޅުވީ، އުރީދޫ ސުޕަނެޓް ރައުޓަރު ރަމަޟާން މަހުގެ ތެރޭގައި ގަންނަ ފަރާތްތަކަށް 40 ޕަސަންޓް އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ނޫރާ ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރަމަޟާން މަހު ގިނަ ކަންކަން ނުބޭއްވުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް އުރީދޫން ބާއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު