މިޑްޓާމް އިލެކްޝަނުން ބައެއް ތަންތަން ނާކާމިޔާބުވި ނަމަވެސް އަލުން އެނބުރި ނާދެވޭނެ ތަނެއް ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކައުންސިލް އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ކާމިޔާބު ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އިންތިހާބުގެ 49 ޕަސެންޓު ވޯޓާއެކު މިހާތަނަށް މިޑްޓާމް އިލެކްޝަނެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބު މި އިންތިހާބުގައި އެމްޑީޕީން ހޯދާފައިވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެމްޑީޕީގެ މެޖޯރިޓީ އޮތް ތަންތަނުން މި އިންތިހާބުގައި އެ ޕާޓީއަށް މެޖޯރިޓީ ގެއްލިފައިވާ ކަމަށާއި އޭގެ ތެރޭގައި އެމްޑީޕީގެ ހާއްޔެއްގެ ގޮތުގައި އޮތް މާލޭ ސިޓީ ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

"މިސާލަކަށް އިހަވަންދޫ، ހުޅުދުއްފާރު ދެން މާލެ. މާލެ އަކީ ފެށުނީއްސުރެން އެމްޑީޕީގެ ހަމަ ޖަގަހައެއްގެ ގޮތަށް، ހާއްޔެއްގެ ގޮތުގައި އޮތްތަނެއް ކަމަށް އަޅުގަނޑުމެން ސިފަކުރާ ތަނެއް، އެހެން އޮއްވަ މި ގެއްލިގެން ދިޔައީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ތަންތަނުން އެމްޑީޕީއަށް ނާކާމިޔާބު ވުމުގައި ހުރި މައްސަލަތައް ބަލައި އެކަންތައްތައް ހައްލު ކުރެވޭނެ ކަމަށާއި އެކަންތައްތައް ރަނގަޅު ކޮށްގެން އަނބުރާ ނާދެވޭނެ ތަނެއް ނުފެންނަ ކަމަށެވެ. އެހެންކަމުން ސިޔާސަތުތައް ވަރުގަދަކޮށް، ކުރިއަށް ދިއުމުން އެމްޑީޕީއަށް ކާމިޔާބާއި ކުރިއެރުން ލިބިގެންދާނެ ކަމަށާއި އިންތިހާބުތައް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.