އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ސިޓީއެއް ލިބިވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައިވާ ވާހަކަތައް ޕީޕީއެމްގެ އިސްބޭފުޅުންނާއި ހިއްސާ ކުރައްވާފައިވާ ކަމަށާއި އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
”އަޅުގަނޑަށް އެބައޮތް މެޑަމް ފާތުންގެ ސިޓީއެއްވެސް ލިބިފައި. އަދި ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕާ ވެސް ބައްދަލުކުރިން. އެބޭފުޅުންގެވެސް އެންމެ ބޮޑު އެދިވަޑައިގަތުމަކީ ރައީސް ޔާމީނަށް ލުޔެއް ހޯދައިދިނުން. ގެއަށް ބަދަލުކޮށްދިނުން. ސިއްހީ ބައެއް ވާހަކަތަކުގެ ވާހަކަވެސް ވިދާޅުވި. އަޅުގަނޑު މިދަނީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާމެދު މަޝްވަރާކޮށް އެއައަށް ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ރައީސް ޔާމީނަކަށް ނުވާނެ،“ ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ރަނގަޅު މާހައުލެއްގައި ކަމަށެވެ. އަދި އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާ ގުޅިގެން ރާއްޖެއިން ބޭރުން ޓެސްޓުތަކެއް ހެއްދެވުމަށް ޑޮކްޓަރުން ލަފާ ދެއްވި ނަމަވެސް ބޭރަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު