ޕާޓީއެއް ވެރިކަމުގައި އޮންނަ އިރު އިންތިހާބުން ބަލިވެއްޖެ ނަމަ އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށްފަހު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، އެމްޑީޕީ ސަރުކާރެއްގައި ތިއްބައި އިންތިހާބެއްގައި ނުކުންނަ ނަތީޖާ އަކީ، އެއީ ކާމިޔާބު ވިޔަސް ނާކާމިޔާބު ވިޔަސް އެއީ ސަރުކާރާ ގުޅުން އޮތް އެއްޗެއް ކަމަށެވެ. މާލޭ ސިޓީން ލިބުނު ނާކާމިޔާބު ވެސް އެކަން އެއީ ސަރުކާރާ ގުޅުން އޮތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ވެރިކަމުގައި ބަޔަކު ތިބެ އިންތިހާބެއް ބާއްވައި، އެ ޕާޓީއަކަށް ނިސްބަތްވާ ސަރުކާރެއްވާނަމަ އެ ލިބޭ ނަތީޖާގެ ޒިންމާ އެ ސަރުކާރަކުން އުފުލަންވާނެ. އެއީ ކަމިޔާބު ވިޔަސް ނާކާމިޔާބު ވިޔަސް. އޭގަ އެ ޕާޓީއެއްގެ ދައުރެއް އޮންނާނެ." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިނތިހާބުގައިވެސް މާލެ ސިޓީ ކައުންސިލުންނާއި، އަދި ބައެއް އެހެން ދިމަ ދިމާލުން އެ ލިބުނު ނަތީޖާގައި ސަރުކާރުގެ ދައުރެއް އޮންނާނެ ކަމަށެވެ. އެހެންކަމުން އެއީ ކޮން ކަންތައްތަކެއްތޯ ދެނެގަނެ އެކަން ހައްލު ކުރާނެ ކަމަށާއި ސަރުކާރުން ބަދަލު ގެންނަން ޖެހޭ ކަންކަމަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މާލެއަށް ބަލާއިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބޯހިޔާވަހިކަން ފާހަގަކުރެއްވިފައިވާ ކަަމަށާއި އެކަމަށް ހައްލު ހޯދަން ޖެހިފައިވާ ކަމަށެވެ. މީގެއިތުރުން ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް އަސަރުކުރި ކަމަށެވެ. އޭގެތެރޭގައި ރެސްޓޯރަންޓްތަކުގެ ވިޔަފާރިއަށް ހުރަސްއެޅުމާއި ޓެކްސީ ދަތުރުތައް ހުއްޓި އާމްދަނީ ދަށްވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގައި ތިބީ މައްސަލަތައް ހައްލުކުރަން ބޭނުންވާ ބައެއް ކަމަށާއި އެއީ ހިޔާލުފާޅުކުރުމާއި މިނިވަންކަމާ އެއްކޮޅަށް ވަކާލާތުކުރާ އަދި ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ގަބޫލުކުރުންތަކެއްގެ މަތީގައި ތިބި ބައެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު