އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ ކަމަށް ރައީސް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް ނަޝީދާ ހިޔާލު ތަފާތުވުން އެބަހުރި ކަމަށާއި ނަމަވެސް ވެންޓިލޭޓަރު މައްސަލައާ ގުޅިގެން އެއްވެސް ކަހަލަ މައްސަލައެއް ޖެހިފައިނުވާ ކަމަށެވެ. އަދި އެމްޑީޕީއަށާއި ގައުމަށް އެދެބޭފުޅުންގެ ދެމެދުގައި ހިނގާ ހިޔާލު ތަފާތުވުމެއްގެ އަސަރު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އެއްވެސް ހިތް ނުވަތަނަވަސް ކަމެއް ނުވަތަ ހިތްހަމަނުޖެހުމެއް ނެތް. އަޅުގަނޑުމެންގެ ދެ ބޭފުޅުންގެ ދެމެދަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ. ހިޔާލު ތަފާތުވުން ހުރި ކަމުގަވިޔަސް ގުޅުން ވަރުގަދަ،" ހިނިފުޅުވަޑުވަމުން ރައީސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލެއިން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ސަބަބެއް ކަމުގައި އެޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ އެތެރޭގައި ހަމަނުޖެހުންތަކެއް ހުރުމެވެ. އަދި އެ މައްސަލަތަކަކީ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތައް ކަމަށާއި ހާއްސަކޮށް ވެންޓިލޭޓަރު މައްސަލަ ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޝަނަކީ ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަަދި ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން އެކަށޭނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ނަޝީދު ވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި ވަންކަން ކޮށްފައިވާ ކަމަށާއި އެކަމުގައި ސަރުކާރުންވެސް ބައިވެރިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި މިފަދަ ސަރުކާރަކާއެކު އެމްޑީޕީ އޮންނަން ނޭދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު