މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުމެން ކުރެއްވި ކަމަކީ ގުޅިފަޅުން ގޯތި ލިބިފަ ތިބި މީހުން ގަދަކަމުން އެތަނުން ބޭލުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ، ގުޅިފަޅަކީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ހާއްސަ ރަށަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ގުޅިފަޅުން ގޯތި ދޫކުރުމުގެ ވިސްނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެއީ މި ސަރުކާރުން ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ގުޅިފަޅުން 700 އަކަފޫޓުގެ 1،400 ގޯތި ދޫކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

"ގުޅީފަޅުން ކޮންމެވެސް ވަރަކަށް ގޯތި ދޫކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ އެބަ އޮތް. އެއާ ހިލާފަށް ޑރ. މުއިއްޒުމެންގެ ސަރުކާރުގައި ތިއްބެވި އިރު އޭގެ ކުރިން ގުޅިފަޅުން ދީފައިހުރި ފުލެޓުތަކާއި ގޯތިތަކުން މީހުން ނެރުނީ. ރައީސް ޔާމީންގެ ވެރިކަމުގައި. ގަދަކަމުން ބޭލީ ފުލުހުން ފޮނުވައިގެން. އެބަދަލު ދިނީ ހުޅުމާލެ އާއި އެހެންތަންތަނުން. އަދިވެސް އެބަތިބި ބަދަލު ނުދޭ ބައެއް މީހުން،" ރައީސް ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ މާލެ އާއި ގުޅިފަޅު ބުރިޖަކުން ގުޅާލުމެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ފެށޭނެ ކަމަށް ސަރުކާރުން ބުނެއެވެ.