ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ނިކުތް ނަތީޖާ އަކީ ރައްޔިތުން ދިން މެސެޖެއް ކަމާއި ކަންބޮޑުވުންތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މާލޭ ސިޓީގެ މޭޔަރުގެ ގޮނޑި ބޮޑު ތަފާތަކުން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކޮށްފައިވާ އިރު، ގިނަ ގޮނޑިތައްވެސް ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމުންނެވެ. އަދި މިއީ އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި މެޖޯރިޓީ ގެއްލުނު ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރަތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މާލޭގައި ހުރި ކަންބޮޑުވުންތައް އެނގޭ ކަމަށާއި އޭގެ ފުންމިނަށް ދާނެ ކަމަށެވެ. އަދި އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް ދެނެގަނެ އެ ކަންތައްތައް ހާސިލުކުރުމަށްޓަކައި މި ސަރުކާރު ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ.
"ނިމިދިޔަ އިންތިހާބުގައި އެންމެ ބޮޑަށް ފާހަގަވި އެއް ނަތީޖާއަކީ މާލޭ ސިޓީގެ ނަތީޖާ. މާލޭ ސިޓީގެ ކައުންސިލަށް އައި ބަދަލާ ދޭތެރޭގައި އެބަޖެހޭ ވިސްނަން. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މާލޭ ސިޓީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަން. އިހުސާސްތަކެއް އެބޭފުޅުން ފާޅުކުރައްވައިފި،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް ބޮޑެތި އަސަރުތަކެއް ކުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް އެންމެ ބޮޑަށް އަސަރު ކުރި ފިޔަވަޅުތައް އަޅަން މަޖުބޫރުވީ މުޅި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެކަމުގެ އިކޮނޮމިކް އިމްޕެކްޓު ރައްޔިތުންނަށް ކުރިވަރު ވޯޓުން ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު