މާލޭ ސިޓީ އާއި އަތޮޅުތަކުގެ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ކަންކަން ހައްލުކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، ބައެއް ކައުންސިލުތަކުގެ މެޖޯރިޓީ ސަރުކާރަށް ލިބިފައި ނެތް ނަމަވެސް އެރަށްތަކަށް ދެމުން އަންނަ ހިދުމަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ މިއަދު ވެސް ޔަގީންކަން މި އަރުވަނީ މާލެ ސިޓީ އާއި ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް ދެނެގަނެ އެ ކަންތައްތައް ހާސިލުކުރުމަށްޓަކައި މި ސަރުކާރުން އިރާދަކުރެއްވިއްޔާ ދެމިއޮންނާނެ ވާހަކަ،" ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވަރެއްކަން ތަކުރާރު ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކޮންމެ ޕާޓީއަކަށް ކައުންސިލްގެ އަގުލަބިއްޔަތު އޮތް ނަމަވެސް ދޭންޖެހޭ ބާރުވެރިކަން ސަރުކާރުން ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލާނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އެކަން ކުރެވޭނެ ގޮތެއް. އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަމުން ދިޔައިރު ވެސް އަޅުގަނޑުމެން ބަލާފައެއް ނޯންނާނެ އެގޮތަކަށެއް ކުޑަ ރަށެއް ބޮޑު ރަށެއް. މި ރަށަކީ އެމްޑީޕީއަށް ތާއިދުކުރާ ރަށެއްތޯ ޕީޕީއެމަށް ތާއީދުކުރާ ރަށެއްތޯ ނޫނީ ދެން އެހެން ޕާޓީއަކަށް ތާއިދުކުރާ ރަށެއްތޯ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ރަށެއްގައިވެސް ހުރި މައްސަލަތައް ދެނެގަނެ އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. ހަމަ އެގޮތަށް މާލެ ސީޓީގެ މެޖޯރިޓީ ސަރުކާރަށް ނެތް ނަމަވެސް އެކަމަށް ބެލުމެއް ނެތި ގާނޫނުގެ ތެރެއިން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.