މިމަހު 14 ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝް އެއްކޮށް ފުރަބަންދުކުރަން ސަރުކާރުން ނިންމާފައި އޮތުމާއެކު ކްލަބު އީގަލްސްއިން އެގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗު ނޭޕާލަށް ބަދަލުކޮށްދޭން އެދިއްޖެއެވެ.
އަބަހާނީ އޭއެފްސީއަށް އެދިފައި ވަނީ ގައުމު ފުރަބަންދަށް ދިޔުމުގެ ސަބަބުން އީގަލްސްއަށް އެގައުމަށް އެތެރެވާން އުނދަގޫތަކަކާ ކުރިމަތިވާނެތީ ނިއުޓްރަލް ތަނަކަށް މެޗު ބަދަލު ކޮށްދިނުމަށެވެ. އޭގެ ޖަވާބުގައި އޭއެފްސީން ހުށަހަޅާފައި ވަނީ ރާއްޖޭގައި އެމެޗު ކުޅެން ނޫނީ ނޭޕާލުގައި ކުޅުމަށެވެ. މިމަހުގެ 21 ވަނަ ދުވަހު ކުޅެން އޮތް މެޗު ފުރަތަމަ ކުޅެން އޮތީ ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ނަމަވެސް އެގައުމުގައި ކޮވިޑް 19ގެ ހާލަތު ގޯސްވެ، މެޗު ބަދަލުކުރަން މަޖުބޫރުވިއެވެ.
ބަންގްލަދޭޝްގެ ނޫސްތަކުން ބުނެފައި ގޮތުގައި ވަނީ މެޗު ނޭޕާލްގައި ކުޅުމަށް، ނޭޕާލްގެ ފުޓުބޯޅަ އިދާރާއާއެކު އަބަހާނީއަށް މިހާރު ވަނީ އަނގަބަހުން އެއްބަސްވުމަކަށް އައިސްފައެވެ. ނޭޕާލްގައި މެޗު ކުޅޭނަމަ އެ މެޗު އޮންނާނީ ކަތަމަންޑޫގެ ދަޝާރާތު ސްޓޭޑިއަމްގައެވެ. އަބަހާނީގެ މެނޭޖަރު ސަތިޔަޖިތު ދާސް ރޫޕޫ ބުނެފައި ވަނީ އެއްވެސް ކަމެއް އަދި ފައިނަލްކޮށް ނުނިންމާ ކަމަށާއި، އެ ކްލަބުން ބޭނުން ވަނީ މެޗު ނޭޕާލްގައި ކުޅުމަށް ކަމަށެވެ.
އީގަލްސްއިން ކޮލިފައިން ދެވަނަ ބުރުގެ ފުރުސަތު ހޯދީ މިދިޔަ ބުދަ ދުވަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެގެންނެވެ. އެ ދުވަހު ކުޅުނު ކޮލިފައިންގެ އަނެއް މެޗުން ސްރީލަންކާ ޕޮލިސް އަތުން ނޭޕާލްގެ އާމީ ކްލަބް ވަނީ 5-1 އިން މޮޅުވެފައެވެ. ކޮލިފައިން ދެވަނަ މެޗުގައި އާމީ ކްލަބް ބުދަ ދުވަހު ކުޅޭނީ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށެވެ. ކޮލިފައިން ދެ ވަނަ ބުރުގެ ދެމެޗުން މޮޅުވާ ޓީމުތައް ދެން ކުޅޭނީ ޕްލޭއޮފްއެވެ. މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
އޭއެފްސީ ކަޕް ގްރޫޕް ޑީގެ ފަހު ޖާގައަށް ޓީމުތަކުން ޕްލޭ އޮފް ކުޅެމުން އަންނައިރު، ގްރޫޕްގައި މިވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއެވެ. އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ރާއްޖޭގައެވެ. މެޗުތައް އޮތީ އަންނަ މަހު 14 އިން 21 ގެ ނިޔަލަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު