މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް އައްޑޫ ސިޓީން އަދި މާލެ ސީޓީން އިތުރު ގޮނޑިތަކެއް ލިބުމުގެ ފުރުސަތު އަދި އެބައޮތް ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މިހާތަނަށް ލިބިފައިވާ ނަތީޖާ ޝީޓުތަކަށް ބަލާއިރު، މާލޭގެ 18 ގޮނޑީގެ ތެރެއިން 5 ގޮނޑިވަނީ އެޕާޓީން ކާމިޔާބު ކުރިކަން ކަށަވަރު ކޮށްފައި ކަމަށާއި އަދި އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން 6 ގޮނޑި ޔަގީންވެފައި ކަމަށެވެ.
މާލެއާއި އައްޑޫ ސިޓީ އިން އެމްޑީޕީ ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން، މާލޭގެ އެހެން 5 ދާއިރާއެއްގެ ނަތީޖާއިންނާއި އައްޑޫ ސިޓީގެ 4 ދާއިރާއެއްގެ ނަތީޖާއިން އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެމެދު ހުރީ 40 އަކަށް ވޯޓުގެ ތަފާތުކަން އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި އެ ދާއިރާތަކުން ނަތީޖާ ނުލިބެ 50-60 ދެމެދުގެ އަދަދަކަށް ވޯޓު ކަރުދާސް އެބެހުރިކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެއިން ކޮންމެ ދާއިރާއެއްގައި ބާތިލު ވޯޓުގެ ގޮތުގައި 50-90 ވޯޓުކަރުދާސް ހިމެނިފައިވާ ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.
"އެހެންކަމުން، މިޕާޓީން މިގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން މިޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް މިވާހަކަ އާންމުކޮށް ދެންނެވީމެވެ،" އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީ އާއި މާލެ ސީޓީ އަކީ އެމްޑީޕީގެ ސްޕާރ މެޖޯރިޓީ އޮންނަ ދެ ސިޓީ އެވެ. އެހެން ނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު އެ ޕާޓީއަށް މި ވަނީ މާލެ ސިޓީގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ގެއްލިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު