އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށްފިއެވެ.
ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެ ނަތީޖާއާއެކު ޓޮޓެންހަމްއިން ގަދަ ހަތަރަކަށް ކުރަމުން އައި އުންމީދަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. ޓޮޓެންހަމްއިން މިހާތަނަށް ލީގުގައި ކުޅުނު 31 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަތްވަނައިގައެވެ. ޓޮޓެންހަމްގެ ކުރިން ގަދަ ހަތަރަކަށް ޗެލްސީއާއި ލިވަޕޫލުންވެސް ދަނީ ވާދަކުރަމުންނެވެ.
ޔުނައިޓެޑަށް 31 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ސިޓީން ވަނީ ޔުނައިޓެޑަށްވުރެ މެޗެއް އިތުރަށް ކުޅެފައެވެ.
މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑުން ވަނީ ރަނގަޅަށް ކުޅެ، ލީޑު ނެގުމާ ގާތަށް ޖެހިލާފައެވެ. ޕައުލް ޕޮގްބާގެ ޕާހަކުން އެޑިސަން ކަވާނީ ޖެހި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފައެވެ. ރެފްރީ ނިންމީ ގޯލަށް ފުރުސަތު ތަނަސްކުރުމުގެ ތެރޭގައި މެދުތެރެއިން ސްކޮޓް މެކްޓޮމިނީ، ހިއުންމިއުން ސޮންއަށް ފައުލް ކުރި ކަމަށެވެ.
ޔުނައިޓެޑުން ރަނގަޅަށް ކުޅެމުން ދަނިކޮށް ލީޑު ނެގީ ޓޮޓެންހަމްއިންނެވެ. ރީތި ޕާސްތަކެއް ޖަހާ ތަނަވަސްކުރި ފުރުސަތު ގޯލަށް ވައްދާލީ ސޮންއެވެ.
އެ ގޯލާއެކު ޓޮޓެންހަމްއިން ލީޑުގައި އޮވެ ހާފް ނިންމާލާފައިވާއިރު، ދެވަނަ ހާފް ފެށިިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. ކަވާނީ ޖެހި ބޯޅައެއް ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ހުޝިޔާރު ކަމާއެކު ދިފާއުކުރި ނަމަވެސް ރީބައުންސް ބޯޅަ ގޯލަށް ވައްދާލީ ފްރެޑެވެ. ނަތީޖާ ހަމަހަމަކޮށް، ޔުނައިޓެޑުން ވަރުގަދައަށް ހަމަލާތައް އުފައްދާފައިވާއިރު، ދެވަނަ ގޯލަކަށް ޔުނައިޓެޑުން ކުރަމުން އައި މަސައްކަތް ފާހަގަވެގެން ދިޔައެވެ.
ބްރޫނޯ ފެނާންޑޭޒްގެ ބާރު ހަމަލާއެއއް ލޮރިސް މަތަކޮށް ބޭރުކޮށްލާފައިވާއިރު، މެޗުގެ ނަތީޖާ އަނބުރާލީ 79 ވަނަ މިނެޓުގައި ކަވާނީ ބޮލުން ޖެހި ހިތްގައިމު ގޯލަކުންނެވެ. އެ ގޯލާއެކު އުންމީދު ބޮޑުކޮށް، މެޗުގެ ތިން ޕޮއިންޓް ޔަގީންކުރީ ފަހު ސިކުންތުގައި ގްރީންވުޑް ޖެހި ގޯލުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު