މާލޭގެ ރައްޔިތުން ބޭނުންވަނީ ފުދުންތެރި ދިރިއުޅުމެއް ކަމަށާއި މާލޭގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް ބޮޑުތަފާތަކުން މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި މުއިއްޒު ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވި ހުރިހާ ކައުންސިލަރުންވެސް މަސައްކަތް ކުރައްވާނީ ރައީސް ޔާމީން ދައްކުވައިދިން މަގުން އެމަނިކުފާނުގެ އިރުޝާދުގެ މަތިން ކަމަށެވެ.
އެގޮތުން ރައީސް ޔާމީން ދަސްކޮށްދެއްވީ، ދީނީ ގައުމީ އަދި ތަރައްގީގެ ފިކުރުގައި ކުރިއަށް ދިއުމަށް ކަމަށާއި މާލޭގެ ރައްޔިތުން އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނީ މާލޭގެ ރައްޔިތުން ބޭނުންވި ކަންކަން މި ސަރުކާރުގެ ދެ އަހަރެއްހާ ދުވަހު ކޮށް ނުދެވުން ކަމަށެވެ.
"ހާއްސަކޮށް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ނުދެވުނު" މުއިއްޒު ވިދާޅުވިއެވެ.
އިންތިހާބުގެ ކެމްޕޭން ދުވަސްވަރު މާލޭގެ ގިނަ ގޭގެއަށް ޒިޔާރަތްކޮށް ގިނަ ރައްޔިތުންގެ އަޑު އައްސަވާފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީި، މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުން ބޭނުންވަނީ ފުދުންތެރި ދިރިއުޅުމެއް ކަމަށެވެ.
"މާލޭ ރައްޔިތުން ބޭނުންވި މަގަށް އަޅުގަނޑުމެންގެ އިންތިހާބީ ކައުންސިލަރުން މަސައްކަތް ކުރާނަން" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، މާލޭ ރައްޔިތުން މިފަހަރު ވޯޓު ދިނީ ތަރައްގީ ގެނެސްދޭ ފިކުރުގެ މީހުންނަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު