ތ. ކިނބިދޫން ނެގި ފަސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ކިނބިދޫ ކައުންސިލްގެ ރައީސް ހަސަން މުހައްމަދު މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން މިހާތަނަށް ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ކޭސްތަކާ ގުޅިގެން އެރަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ރޭ ޕޮޒިޓިވްވީ ދެ މީހުން ކަމަށެވެ. އަދި އެ ދެ މީހުންނަކީ އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދެ މީހުން ކަމަށެވެ. އަދި އެ ދެ މީހުން ފަހުން އެރަށަށް ބަދަލުކޮށްފައިވާ ކަމަށާއި އެމީހުން ތިބީ ކަރަންޓީނުގައި ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން މުހައްމަދު ވިދާޅުވީ މިއަދު ހުން އައިސްގެން އެރަށު ހެލްތު ސެންޓަރަށް ދެއްކި ބައެއްގެ ސާމްޕަލްތައް ނަގައި ޓެސްޓުކުރުމުގެ އޭގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއާއެކު އެރަށުން މިހާތަނަށް ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލާން ދިޔަ މީހުންވެސް ހިމެނޭ ކަމަށާއި އެހެންކަމުން އެމީހުންނާ ކޮންޓެކްޓުވި މީހުން ގިނަ ކަމަށެވެ. އެގޮތުން މިހާތަނަށް 80 އަށްވުރެ ގިނަ މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޭސްތަކާ ގުޅިގެން އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށާއި ސާމްޕަލްތައްވެސް ނެގުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. މިހާތަނަށް 15 އަށްވުރެ ގިނަ ސާމްޕަލް ނެގިފައިވާ ކަމަށްވެސް ހަސަން މުހައްމަދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޭސްތަކާ ގުޅިގެން ރަށުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށާއި އެގޮތުން ޒަރޫރީ ހާލަތްތަކުގައި ނޫނީ ބޭރަށް ނުނިކުތުމަށާއި ގައިދުރުކަން އިސްކުރުމުގެ އިތުރުން އެއްވެ ނޫޅުމަށްވެސް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު