އޭޝިއާގެ ދެވަނައަށް އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ، އޭއެފްސީ ކަޕްގެ "ޑްރީމް ޓީމް" ގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ( ދަގަނޑޭ) ވަނީ ހިމެނިފައެވެ. އެ މުބާރާތުގައި މިހާތަނަށް ޖެހި އެންމެ މޮޅު ސޯލޯ ގޯލަކަށްވެސް ދަގަނޑޭގެ ގޯލް މީގެ ދުވަސް ކޮޅެއް ކުރިން ހޮވާފައިވާއިރު، އަނެއްކާވެސް ދަގަނޑޭގެ ނަމާއެކު ރާއްޖެއަށް ވަނީ ޝަރަފެއް ލިބިފައެވެ.
އޭޝިއާގެ އެންމެ ވަރުގަދަ ގައުމުތަކުގެ ޓީމުތަކުންވެސް އޭއެފްސީ ކަޕްގައި ވާދަކުރާއިރު، ދިވެހި ޓީމަކަށް އެ މުބާރާތުގައި އެންމެ ދުރަށް ދެވިފައި ވަނީ ސެމީ ފައިނަލާ ހަމައަށެވެ. 2005 ވަނަ އަހަރު ދަގަނޑޭއާވެސް އެކު ނިއުއިން އޭއެފްސީ ކަޕްގެ ސެމީއަށް ގޮސްފައިވާއިރު، އޭގެ ފަހުން އެ މުބާރާތުގައި ދަގަނޑޭ އެންމެ ގަދައަށް ވިދާލީ 2013 ވަނަ އަހަރުއެވެ. އެ އަހަރު ގިނަ ގޯލްތަކެއް ޖަހައި ކުއާޓާއާ ހަމައަށް ނިއު ގޮސްފައިވެއެވެ.
މިދިޔަ 10 ވަރަކަށް އަހަރުގައިވެސް ދަގަނޑޭގެ ކުޅުން އޭއެފްސީ ކަޕްގައި ފާހަގަވެގެން ގޮސްފައިވާއިރު، އޭނާއަށް ނިއު ރޭޑިއަންޓްގައި ކޯޗުކަން ކޮށްދިން އޮސްކާ ބްރޫޒޯން ބުނެފައި ވަނީ ގަބޫލުކުރެވޭ ގޮތުގައި ދަގަނޑޭއަކީ މިދިޔަ 10 އަހަރުވެސް ދެކުނު އޭޝިއާ ސަރަހައްދު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އޮސްކާއަކީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި އިންޑިއާ ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދީފައިވާ އޭޝިއާ ފުޓުބޯޅައިގެ ތަޖުރިބާކާރަކަށްވާއިރު، އޭނާ ބުނެފައި ވަނީ އޭއެފްސީ ކަޕްގެ ޑްރީމް ޓީމުގައި އިނުން އެންމެ ހައްގު ކުޅުންތެރިޔަކީ ދަގަނޑޭ ކަމަށެވެ.
ކުޅުމުގެ ހުނަރާއެކު ދަގަނޑޭ މިހާރު ފާހަގަކޮށްލެވެނީ އޭޝިއާގެ ތެރޭގައި މަޝްހޫރު ކުޅުންތެރިއެއްގެވެސް ގޮތުގައެވެ. ހާއްސަކޮށް އޭއެފްސީ ފަދަ ސައިޓްތަކުގެ ޕޮޕިއުލާ ވޯޓިން ކޮންޓެސްޓް ތަކުންވެސް ދަގަނޑޭ ކުރި ހޯދާކަން ފާހަގަވެފައިވާއިރު، ދަގަނޑޭ ރާއްޖޭގެ އިތުރުން ކުޅެފައި ވަނީ މެލޭޝިއާ ލީގުގައެވެ. އޭނާގެ ސަޕޯޓަރުން ރާއްޖެ އާއި މެލޭޝިއާގެ އިތުރުން މުޅި އޭޝިއާގައި މިހާރު ތިބިކަން ފާހަގަވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު