ސިޔާސީ ޕާޓީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫން ކަން ގަބޫލު ކުރުމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާމަނިކު އެދިވަޑައިގެންފިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމާއި ސިޓީ ކައުންސިލްގެ މުހިއްމު ގޮނޑިތަކެއް، އިދިކޮޅު ޕީޕީއެމުން ކާމިޔާބު ކުރުމާ ގުޅިގެން، މާލޭ ސިޓީން ވެރިކަން ކުރާ އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބަށް އިޝާރާތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި މޫސަ ވިދާޅުވީ، ލިބެމުން އެދަނީ، ދުނިޔަވީ ކަންކަމުން އިބްރަތް ހާސިލުކޮށް ސިޔާސީ އޮއިވަރު ދެނެ ތިބެ އެމްޑީޕީ މެންބަރުން އެކަތިކަނޑަކަށް ވާން ޖެހޭކަމުގެ ފިލާވަޅުތައް ކަމަށެވެ.

ޕާޓީގެ ވެރިޔަކީ އެވަގުތަކު ސިޔާސީގޮތުން ހުންނަ އެއްމެ އިސްމީހާ ކަން ގަބޫލުކޮށް ޕާޓީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫންކަން ގަބޫލު ކުރަން ޖެހޭ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަގެ މި ވާހަކަތައް އަމާޒު ވަނީ، އެމްޑީޕީގެ ރައީސް މުހައްމަަދު ނަޝީދަށެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ މައި މަރުކަޒު ކަމުގައި ފާހަގަ ކުރަމުން އައި މާލޭ ސިޓީން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބާ ގުޅިގެން، އެމްޑީޕީގެ ސިޔާސަތުތައް ބަދަލު ކުރުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އެގޮތުން މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބުދުއްސައްތާރުވެސް ވަނީ، މާލޭގެ ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި އެމްޑީޕީގެ ސްޓެރެޓެޖީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުގެ އެއްމެ ނުފޫޒު ގަދަ އެއް ބޭފުޅަކު ކަމުގައި ފާހަގަ ކުރެވޭ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްވެސް އެމްޑީޕީއަށް ލިބުނު ނާކާމިޔާބު ފާހަގަ ކުރައްވައި ވިދާޅުވެފައިވަނީ، މާލޭސިޓީން އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ލިބުނީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުންތަކެވެ.

މި އިންތިހާބުން ދަސްވި ފިލާވަޅުތަކާއެކު ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު 6378 ވޯޓު ވަނީ ލިބިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބުދުއްސައްތާރަށް ލިބިވަޑައިގެންފައި ވަނީ 3772 ވޯޓެވެ.

މާލޭ މޭޔަރުކަމަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 51702 އެވެ.