މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނަން ފަށާނީ 6:30ގައި ކަމަށާއި މިރޭ 12:00ގެ ކުރިން ވަގުތީ ނަތީޖާ އިއުލާން ކުރެވޭވަރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މީހުން ވޯޓުލައި ނިމި، މިހާތަނަށް އެއް ވޯޓުފޮށި ވަނީ ބަންދު ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ ވޯޓުފޮއްޓަކަށް ވޯޓު ލުމަށް ރެޖިސްޓްރީ ކޮށްފައިވާ ހުރިހާ މީހުން ވޯޓުލައި ނިމުމުން ވޯޓު ފޮށި ބަންދު ކުރެވޭނެ ކަމަށެވެ. ނަމަވެސް ވޯޓު ގުނަން ފަށާނީ 6:30ގައި ކަމަށް ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުން ފެށީ މިއަދު ހެނދުނު 7:00ގަ އެވެ. ނަމަވެސް އެކި އެކި ސަބަބުތަކާ ހެދި ބައެއް ރަށްތަކުގައި ވޯޓުލާން ފެށުނު ގަޑި ވަނީ ފަސްކޮށްފަ އެވެ.

ހަބީބު ވިދާޅުވީ ވޯޓުގެ ވަގުތީ ނަތީޖާ މިރޭ 12:00ގެ ކުރިން އިއުލާން ކުރެވޭ ވަރު ވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

މި އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.