ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވޯޓު ލުން މިއަދު ހެނދުނު 7:00 ގައި ފެށިގެން ކުރިޔަށްދާ އިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ މި ކުރެވެނީ ކުރީންވެސް ހީކުރެވުނު ގޮތަށް ވޯޓު ލާން ނިކުންނަ މީހުން މަދުވުމެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބަށް ފަހު މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެ އެވެ. އާ ގާނޫނުތަކުން ޖާގަ ލިބިގެން، ފުދުންތެރިކަމާއި ބާރުވެރިކަމާ އެކު ކައުންސިލްތައް ހިންގަން ފަށާނެ އެވެ. މިލިއަނުން ގުނައިލެވޭ ވަރުގެ ބޮޑެތި މަޝްރޫއު ތަކާއި ރަށާއި އަތޮޅުގެ އިހުތިސާސް ތެރޭގައި ހިމެނޭ ބިޔަ ބޮޑެތި ކަންކަން ނިންމައި ރަށްރަށުގެ އިހު މާޒީ މުޅީން ބަދަލުކޮށްލުމުގެ ބާރުވެރިކަން ކައުންސިލަރުންނަށް ލިބިގެން ދާނެ އެވެ. އަމިއްލަށް ބޮޑެތި ލޯނުތައް ނަގައި، އަމިއްލައަށް މަޝްރޫއުތައް ހަދައި، ބިޑުކޮށް އެ މަޝްރޫއުތައް ހިންގައިގެން ރަށްރަށަށް މުޅީން އެހެން ޒަމާނެއް ގެނެސްދިނުމުގެ އިހުތިޔާރާއި ކޮންޓްރޯލު ކައުންސިލްތަކަށް ލިބިގެން ދާނެ އެވެ.
މި ހުރިހައި ބާރަކާއި އިހުތިޔާރެއް، ލާމަރުކަޒީ ގާނޫނުން މިހާރު ވަނީ ކައުންސިލްތަކަށް، ކަށަވަރުކޮށްދީފަ އެވެ. އެހެން ކަމުން، ކުރީން އޮތް ގޮތަށް، މުވައްޒަފުންގެ މުސާރަކޮޅު ދީފައި، މިސްކިތު ދޫލަ އަޅައިލާނެ ފަދައެއް، ނުވަތަ މަގުމަތީ ހޮޅިބުރި ބަދަލުކޮށްލާނެ ގޮތެއް ނެތިގެން އުޅޭކަށެއް ދެނެއް ނުޖެހޭނެ އެވެ. މާލީ ބާރުވެރިކަމާއި ފުދުންތެރި ނިޒާމަށް ލާމަރުކަޒީ ސިސްޓަމް ބަދަލުވެ ހަލުވި އިސްޕީޑުގައި ހިނގައިގަންނައިރު، ކުރީން ކައުންސިލަރުން ނުވަތަ ކަތީބުން ގޮތެއް ނެތިގެން އަތް އުރާލައިގެން ރައްޔިތުންނަށް ހިދުމަތެއް ދެވޭނެ ގޮތެއް ނެތިގެން ތިބޭން ޖެހުނު ޖެހުމަށް ފުރިހަމަ ނިމުމެއް އަންނާނެ އެވެ.
އެކަމަކު މި ހުރިހައި ކަމެއްގެ ފުރިހަމަ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައެވެ. ތިމާއަށް ރަނގަޅު، އެންމެ ގާބިލު ކެންޑިޑޭޓް ހޮވުމަށް ވޯޓު ދިނުމަކީ މި ނިޒާމު ފައްކާ ކުރުމަށް ޓަކައި ކޮންމެ މިހަކު ވެސް އަދާކޮށްދޭން ޖެހޭ ގައުމީ ޒިންމާއެކެވެ. އެ ޒިންމާ އަދާކުރުމަށް ނުކުމެ، ވޯޓުލާ މަރުކަޒަށް ގޮސް ވޯޓު ދިނުމާ އެކު، އެހެން މީހުން ވެސް ވޯޓުލާން ނުކުތުމަށް ހިތްވަރުދީ ބާރު އެޅުމަކީ، މިކަން ނިންމުމުގައި ގިނަ ބައެއްގެ ބަސް ޝާމިލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އިންތިހާބެއްގައި ހޮވޭ މީހާ ނުހޮވޭ މީހާ ދެތިން މީހުން ވޯޓު ދިނަސް ކަނޑައެޅޭނެ އެވެ. ތިން މީހުން ވޯޓު ދީފި ނަމަ ދެމީހުން ދިން މީހާ ހޮވުނީ ކަމަށް ކަނޑައަޅައި ނިންމާނެ އެވެ. އެކަމަކު ޒިންމާދާރު ރައްޔިތުންގެ ހައިސިއްޔަތުން އަހަރެމެން ވިސްނާން ޖެހޭ ކަމަކީ، މިވަރު ބޮޑު ބަދަލެއް ގައުމަށް އަންނައިރު ހައެއްކަ މީހުން ވޯޓު ލައިގެން މިކަން ނިމިގެން ދާން ދޫކޮށްލުމަކީ ރަނގަޅު ގޮތް ނޫން ކަމެވެ. މުޅި އިންތިހާބުގައި ޓާން އޯވާ، ނުވަތަ ވޯޓުލާން ނުކުތް މީހުންގެ އިންސައްތަ 20 ނުވަތަ 30 ވަރަކަށް ޕަސެންޓުގައި ހުރެއްޖެ ނަމަ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެންމެންވެސް ގަބޫލު ކުރާން ޖެހެ އެވެ. މާނައަކީ ރާއްޖޭގެ ތާރީހުގައި ބެއްވި އެންމެ ބޮޑު އިންތިހާބުގައި މީހުން ހޮވިގެން އެ ދިޔައީ 70 ޕަސެންޓް ރައްޔިތުންގެ ބަހެއް ނެތި ކަމެވެ. އެއީ ޑިމޮކްރެސީ ދަންނަ ގޮތެއް ނޫނެވެ. ދިވެހީންނަކީ އަބަދުވެސް ފައްކާ ޑިމޮކްރެސީއަށް ބާރު އަޅާ، އެ ކަމަށް ފައިޓް ކުރާ ބައެކެވެ. ފައްކާ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ ވޯޓުން އެމީހުން ހޮވާ ބަޔަކު އެމީހުންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމާން ތިބުމެވެ.
އެހެން ކަމުން، މިއަދު ރާއްޖޭގައި ކުރިޔަށް މިދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދޭން ނުކުތުމަށް އެންމެންވެސް ހާއްސަ އިސްކަމެއް ދޭން ޖެހެ އެވެ. މި އިންތިހާބަށް ފަހު އަތޮޅުތަކާއި ރަށްރަށުގެ މަންޒަރު މުޅީން ބަދަލުވެގެން ދާނެ އެވެ. މާލެ އޮތް ތަނުގައި ބާއްވައި، ތަރައްގީ އާއި ތަހުޒީބުގެ މަރުކަޒުތަކަކަށް އަތޮޅުތަކުގެ ރަށްތައް ބަދަލުކޮށްލުމުގެ ބާރު މި އިންތިހާބުން ރައްޔިތުންގެ އަތްމައްޗަށް ލިބިގެން ދާނެ އެވެ. މިފަދަ ބޮޑު ނިންމުމެއް ނިންމުމުގައި، ތިމާގެ ބަސް ބުނުމަކީ ގައުމީ ވާޖިބެއް ކަމަށް ދެކިގެން އެންމެން ވެސް ވޯޓުލާން ނިކުންނަން ވީ އެވެ. ނުފޫޒެއްގެ ދަށު ނުވެ، ތިމާއަށް ފެންނަ އެންމެ ގާބިލު މީހާއަށް ވޯޓު ދޭންވީ އެވެ. މުހިންމީ ވޯޓުލާން ވީހާވެސް ގިނަ ބަޔަކު ނިކުތުމެވެ. މި ނިންމުމުގައި ވީހާވެސް ގިނަ ރައްޔިތުންގެ ބަސް ހިމެނިފައި އޮތުމެވެ.
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު