ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.
ރައީސް ވޯޓު ލައްވާފައިވަނީ މިއަދު ހެނދުނު، ޖަމާލުއްދީން ސްކޫލުގައި ހުންނަ ޅ. އަތޮޅުގެ ވޯޓު ފޮއްޓަކަށެވެ.
ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މި އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް ކަމަށާއި ވީހާވެސް ގިނަ މީހުން ވޯޓުލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި މި އިންތިހާބަށްފަހު ހޮވާ ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބެއް ހޯއްދަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މާލޭގެ މޭޔަރު ގޮނޑި ވެސް 60 ޕަސަންޓުން އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ކާމިޔާބުކުރައްވާނެ ކަމަށެވެ.
"އެމްޑީޕީއަށް މަޖިލީހުގެ އިންތިހާބަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދުކުރަން. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރެވޭނެ ކަމަށް. އެމްޑީޕީން މާލޭގެ މޭޔަރުގެ ގޮނޑި 60 ޕަސަންޓުން ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް،" ރައީސް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްގައެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، އިންތިހާބު މި ބާއްވަނީ އޭގެ އަހަރެއްހައި ދުވަސް ފަހުންނެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިހާބެވެ.
މި އިންތިހާބުގައި 3،934 ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 273،182 މީހަކަށް ލިބިގެންވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު