ރަމަޟާން މަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި މާއްދީ ގޮތުންނާއި ރޫހާނީ ގޮތުން ވެސް ތައްޔާރުވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ރަމަޟާން މަހަށް މަރުހަބާ ކިޔުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ބަރަކާތްތެރި ރަމަޟާން މަހަކީ ހެޔޮކަމުން ފުރިގެންވާ, ތަގުވާވެރިކަން އިތުރުކޮށް އަދި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމަށާއި އެހެން މީހުންނަށް ހެޔޮކޮށް ހިތައި އިހްސާންތެރި ވުމުގެ ދުވަސްތައް ކަމަށެވެ.

އެގޮތުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން ނަސްފުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިކުރަން ޖެހޭ ކަމަށާއި އެއީ މި ބަރަކާތްތެރި މައްސަރުގެ ހަގީގީ މަގުސަދު ހާސިލުކުރުމަށާއި މިމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި, ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައި ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ރޯދައަކީ އެތައް ކަމަކުން ރޯދަވެރިޔަ ރައްކާތެރިކޮށްދޭ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެއީ އިންސާނާގެ ހަށިގަނޑުގެ ސެލްތައް މަރާމާރުވުމާއި ތަފާތު ބަލިތަކާއި ވައިރަސްތަކާއި ބެކްޓީރިއާތައް ނައްތާލުމަށް އޮތް އެންމެ ކާމިޔާބު ވަސީލަތަކީ ރޯދަހިފުން ކަމަށް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ވިދާޅުވާ ކަމަށެވެ.

ހުތުބާގައި ބުނީ, ރަމަޟާން މަހުގެ ހެޔޮކަން ލިބިގަތުމަށް އަވަސްވެ ގަންނަންޖެހޭ ކަމަށާއި އެކަމަށް ތައްޔާރުވެ ތިމާގެ ހިތްނިޔަތް ހާސިލް ކުރަންޖެހޭ ކަމަށެވެ. އަދި މާތް الله އަށް އިހުލާސްތެރިވާންޖެހޭ ކަމަށާއި އަމަލުތައް މާތް الله ގަބޫލު ކުރެއްވުމުގެ އަސާސަކީ އިހުލާސްތެރިކަމާއި އެކަލާނގެ ވަޖުހުފުޅު އަދައިގެން ކުރާ ކަމަކަށްވުން ކަމަށް ބުންޏެވެ.

ރަމަޟާން މަހަކީ ކުށްފާފަތަކުން ތައުބާވުމަށް ލިބޭ ދުވަސްތަކެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, މުސްލިމުންގެ ތެރޭގައިވާ ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތައް ދޫކޮށްލައި ބަރަކާތްތެރި މަހުގެ ހެޔޮކަން ލިބިގަތުމަށް, އަވަސްވާންޖެހޭ ކަމަށެވެ. އަދި ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށް އަވަސްވުމަށް ހުތުބާގައި ގޮވާލިއެވެ.