ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ވެސް ގައިން ތާހިރުވެގެން ކަމަށާއި އެމްޑީޕީން ކުރަން އެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ނިންމުމަށް މިރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޓެންޑާ މަރުހަލާއިން ފެށިގެން ކޮންމެވެސް މަރުހަލާއެއްގައި ފެނާއި ނަރުދަމާ ފެށިފައިނުވާ އެއްވެސް ރަށެއް މިހާރު މި ރާއްޖެއަކު ނޯންނާނެ ކަމަށެވެ.

"އަމާޒަކީ ދައުރުގެ ނިޔަލަށް ހުރިހާ ނަރުދަމާތަކުން އަތްދޫކޮށްލުން. ހުރިހާ ފެނުގެ ނިޒާމު ތާޒާކަމާއެކު ހިނގަހިނގާ ހުރުން. ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ވެސް ގައިން ތާހިރުވެ ތިބެގެން. އަޅުގަނޑުމެން މިކުރަނީ އެކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުތެރޭގައި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވެސް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުން އަންނަ ކަމަށާއި މިދިޔަ އަހަރު ތެރޭ މާލޭ ވިޔަފާރި ބަނދަރަށް ބޭލި ޖުމުލަ 176 ޖަނަރޭޓަރު، ރަށްތަކުގެ އިންޖީނުގެތަކަށް ލާމަރުކަޒު ކުރެވުނު ކަމަށެވެ.

"402،333 މީޓަރުގެ ކޭބަލް މުޅިން އަލަށް ވަޅުލެވިއްޖެ. ޒަމާނާ ގުޅޭ ފަރުމާއާއި ރަށްތަކުގެ އިންޖީނުގެތައް ބަދަލުކުރުމަށް ނިންމައިފިން. އޭގެ ދަށުން 20 ރަށެއްގައި އިންޖީނުގެ އަޅައި ނިމި، 45 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް އެދަނީ ހިނގަމުން. ކަރަންޓުގެ ހިދުމަތް ރާއްޖޭގައި ދޭން ފެށިތާ 72 އަހަރުވެއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު ނިމުނު އިރު، އަތޮޅުތެރޭގައި ކަރަންޓު އުފެއްދޭ މިންވަރަކީ ޖުމުލަ 153 މެގަވޯޓް ކަމަށާއި މި ސަރުކާރުގެ ދެ އަހަރުގެ ކުރު މާޒީގައި އެކަނިވެސް އިތުރު 180 މެގަވޯޓު އުފެއްދޭނެ ގާބިލުކަން މާލެ ސަރަހައްދުން ބޭރުގައި ގާއިމުކުރެވިއްޖެ ކަމަށެވެ.