އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރުގެ ގޮނޑިއާއެކު ޖުމުލަ 1000 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމާލުމަށް އެމްޑީޕީގެ މެންބަރުންނާ އެކު އއ. ރަސްދު އަށް ހުޅުމާލޭން ފުރާވަޑައިގަތުމުގެ ކުރިން ނަޝީދު ވިދާޅުވީ އެމްޑީޕީން ކާމިޔާބު ކުރާ މުހިންމު ގޮނޑިތަކުގެ ތެރޭގައި ހަތަރު ސިޓީގެ މޭޔަރުންގެ ގޮނޑި ހިމެނޭ ކަމަށެވެ. އަދި އެ ގޮނޑިތައް ތަފާތު ބޮޑުކޮށް، އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެހެން އިންތިހާބުތަކާ އެއްގޮތަށް ކައުންސިލް އިންތިހާބާވެސް އެމްޑީޕީން ކުރިމަތިލަނީ ޖެހިލުމެއް ނެތި ކަމަށެވެ. އަދި އެއްވެސް އިންތިހާބެއް އުނދަގޫވާނެ ކަމުގެ ވިސްނުން އެމްޑީޕީން ނުގެންގުޅޭ ކަމަށާއި އެމްޑީޕީން އިންތިހާބުތައް ކާމިޔާބު ކުރަނީ ވަރަށް ފުޅާ ވިސްނުމެއްގައި ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ވިސްނުމާއި އަމާޒު ދިވެހި ހުރިހާ ރައްޔިތުންނަށް ސާފުވާނެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ނޭވާއަކީވެސް ކާނާއަކީ ވެސް ރައްޔިތުންގެ ޝަކުވާ ކަމަށެވެ. އަދި އެ ޝަކުވާތަކުގެ އަޑު އިވޭ ކަމަށާއި ނުކުމެ މިތިބީވެސް އެ ޝަކުވާތަކަށް ހައްލެއް ހޯދަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު