ހއ. އުތީމު ކައުންސިލް ރައީސް އާއި ނައިބު ރައީސް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.
އެލްޖީއޭ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އުތީމު ކައުންސިލާ ގުޅޭ ގޮތުން އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީ އިން، ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 73 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ، މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާ ނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލު ވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތް ކަމަށެވެ.
އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އެބައޮތް ކަމަށާއި މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، އުތީމު ކައުންސިލަރުންނާ ގުޅޭ ގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ގެއްލުން ލިބޭނެ މިންވަރަށާއި، މި މައްސަލައާ ގުޅިގެން އޮތޯރިޓީގެ ބޯޑުން ކުރިން ނިންމާފައިވާ ފިޔަވަޅުތަކާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އުތީމު ކައުންސިލް ރައީސް އަބްދުﷲ ރަޝީދު މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި އެ ކައުންސިލް ނައިބު ރައީސް މުހައްމަދު އާދަމް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް 10 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށް އެލްޖީއޭއިން ވަނީ ބުނެފަ އެވެ.
މީގެ ކުރިންވެސް އުތީމު ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވަނީ މުއްދަތެއް ނެތް ގޮތަށް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ސަސްޕެންޑް ކޮށްފަ އެވެ. އަދި މި މައްސަލަ ބަލައި ދިނުމަށް އެދި އޭނާގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެ މައްސަލަ ފޮނުއްވާފަ އެވެ. އަދި މި މައްސަލަ އެ ކޮމިޓިން ވަނީ ބަލާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު