ކުޅިވަރު

އެންމެފަހުގެ ޗެމްޕިއަން ބަޔާންގެ ހޯމްގައި ޕީއެސްޖީން ކުރި ހޯދައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ހޯމްގައި ޕީއެސްޖީން މުހިންމު މޮޅެއް ހޯދައިފިއެވެ.

ރޭ ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު މެޗު ޕީއެސްޖީން 3-2ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގައި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ވަނީ ދެ ގޯލު ޖަހައިފައެވެ. ފޯރިގަދަ މެޗުގައި މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ގިނަ ހަމަލާތައް އުފައްދައި ރީތި ފުޓުބޯޅައެއް މެޗުގައި ފެނިގެން ގޮސްފައިވެއެވެ.

ރޭގެ މެޗުގެ ތިންވަނަ މިނެޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކާއެކު އެމްބާޕޭ ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އޭނާ ގޯލު ވައްދާލީ ގޯލްކީޕަރު ނޭމާ ފައިގެ ތެރެއިން ކަހަލަ ގޮތަކަށެވެ. ފުރަތަމަ ހާފު ނުނިމެނީސް ޑިފެންޑަރު މާކީނިއޯސް ވަނީ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. އެ ގޯލަށްވެސް ފުރުސަތު ފަހިކޮށްދިނީ ނޭމާއެވެ.

ފުރަތަމަ ގޯލުގައި ނޯޔާގެ ގޯހެއް ފެނުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި އޭނާގެ ހިތްގައިމު ސޭވްއެއް ފެނިގެން ދިޔައެވެ. އަނެއްކޮޅުން ކޭލޯ ނަވާސް ވެސް ވަނީ ޑޭވިޑް އަލާބާ އާއި ބެން ޖަމިން ޕަވާޑްގެ ހަމަލާތައް މަތަކޮށް ބޭރު ކޮށްލައިފައެވެ.

ދެވަނަ ހާފުގައި ބަޔާންއިން ޕީއެސްޖީއަށް ޕްރެޝަރުކޮށް، ޕީއެސްޖީއަށް ނުރައްކާ ކުރިއެވެ. އެ ޕްރެޝަރުގައި ތޯމަސް މުލާގެ ގޯލެއްގެ އިތުރުން ޖޯޝުއާ ކިމިޗްގެ ހިތްގައިމު ހިލޭ ޖެހުމަކުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް އެ ޕްރެޝަރު ބަޔާންއަށް ހިފެހެއްޓުނަ ނުދީ އެޓީމު ހޯމްގައި ބަލިކޮށްލީ އެމްބާޕޭއެވެ.