ޚަބަރު

ސިވިލް ކޯޓުގެ ގާޒީ އަކާއި ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

މުއާވިޔަތު އަންވަރު

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ކޯޓުގެ ގާޒީ ޒުބައިރު އާ ގުޅޭ ގޮތުން ބަލަމުން އަންނަނީ، ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް އެއްވެސް ހަސްމަކު ހާޒިރު ކުރުމެއް ނެތި ކުރިއަށް ގެންދިޔަ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި މުހައްމަދު ސަމީރު އާ ގުޅޭ ގޮތުން ބަލަމުން އަންނަނީ، މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމެއްގައި އޭނާ އަމަލުކުރައްވާފައިވާ ގޮތާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ ދެ މައްސަލަ ތަހުގީގު ކުރުމަށް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުގެ ގާޒީ ޒުބައިރުގެ މައްސަލައެއް މީގެ ކުރިން ވެސް ޖޭއެސްސީން ވަނީ ބަލައިފަ އެވެ. އެއީ އޭނާ ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި އުޅުއްވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.