ޚަބަރު

މާލޭ ރައްޔިތުންނަށް ފްލެޓް ދޭން ޖެހޭނީ ހިލޭ، އެކަން ކޮށްދޭނަން: އަލްހާން

އަލީ އަފާފް ރަމީޒު

މާލޭގެ ރައްޔިތުންނަށް ފްލެޓް ދޭން ޖެހޭނީ ހިލޭ ކަމަށާއި އޭނާގެ މޭޔަރުކަމުގައި އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް މާލޭގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ކުރިމަތިލައްވައިގެން ހުންނެވި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާންގެ ކެމްޕެއިން ނިންމުމަށް ރޭ ކުރިއަށް ގެންދިޔަ އިވެންޓުގައި އޭނާ ވިދާޅުވީ މާލޭ ރައްޔިތުން ފްލެޓް ގަންނަން ނުޖެހޭނެ ކަމަށާއި މާލޭގެ އެއް ބަޔަކަށް ބޯހިޔާވަހިކަން ހިލޭ ލިބޭ ނަމަ ނުވަތަ ބަންޑާރަ ގޯތި ކުއްޔަށް ދީގެން އުޅެވޭނަމަ، އެ ފުރުސަތު އެންމެންނަށްވެސް އޮންނަން ޖެހޭނެ ކަމަށެވެ. ސަރުކާރުން އެހެން ހައްލެއް މާލޭގެ ރައްޔިތުންނަށް ދައްކަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ކޮންމެ ޕާޓީއަކުންވެސް ވެރިކަމަށް އަންނަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ ވައުދުވެގެން ކަމަށާއި ނަމަވެސް މާލޭގެ ރައްޔިތުންނަށް ފްލެޓް ފޯރުކޮށްދޭން ޖެހޭނީ ހިލޭ ކަމަށެވެ. އެނޫން ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"ފްލެޓް އަޅާފަ ފްލެޓްވެސް ހިލޭ ދޭން ޖެހޭނެ. އެ ނޫން ގޮތެއް ނޯންނާނެ. އެކަން އެގޮތަށް ކުރަން ޖެހޭނެ. އަސާސެއް އޮންނަން ޖެހޭނެ. އެހެން ނޫނީ ބަންޑާރަ ގޯތި ނަގާފައިވާ މީހުންގެ އަތުން ޓެކްސް ނަގަން ޖެހޭނެ. ހަމަހަމަ އުސޫލެއް އޮންނަން ޖެހޭ،" އަލްހާން ވިދާޅުވިއެވެ.

މާލޭގެ ދަފްތަރުގައި 9000އާ ގާތްކުރާ އަދަދަކަށް ރައްޔިތުން އެބަތިބި ކަމަށާއި އެ ރައްޔިތުންނަށް ޝަރަފުވެރި އެޑްރެހެއް ދޭން ޖެހޭ ކަމަށެވެ. އެފަރާތްތަކާ މެދު ސަރުކާރުތަކުން އަމަލުކޮށްފައިވަނީ ވަރަށް ނިކަމެތިކޮށް ކަމަށާއި އެކަންކަމަށް ހައްލު ހޯދައިދޭނެ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

"މާލޭ ދަފްތަރުގެ މީހުންނަށް އަޅުގަނޑު މި ވައުދުވަނީ ކައުންސިލްގެ އިހުތިސޯސް ހިނގާ ސަރަހައްދުތަކުގައި ހުރި ބިންތަކުން ގޯތި ކަނޑާފަ ހިލޭ ދޭނަން. އަޅުގަނޑު މާލޭ ސިޓީގެ މޭޔަރުކަމަށް ހުރެއްޖެނަމަ ދަފްތަރުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ގޯތި ދޭނަން. އެއީ އަޅުގަނޑު ކުރާނެ ކަމެއް،" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރައްޔިތުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އައި ސަރުކާރެއްވެސް އަދި ޕާޓީއެއްވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ މިފަހަރު މޭޔަރުކަމަށް ނުކުމެ ހުންނެވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފަ ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

މި ސަރުކާރުން މާލޭ ސިޓީގެ ބާރުތައް ދޫކޮށްލަން ޖެހޭ ކަމަށާއި މާލޭގެ ލޭންޑް ޔޫސް ޕްލޭނަކީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މާލޭ ސިޓީގެ މެންޑޭޓްގެ ތެރެއަށް ސަރުކާރުން ވަންނަ ނަމަ އެކަން ހުއްޓުވާނެ ކަމަށާއި އެކަން ހުއްޓުވުމަށް ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހަގީގީ މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނީ ސިޔާސީ ޕާޓީތަކުން މިނިވަން ވެގެންވާ ކެންޑިޑޭޓަކު ހޮވައިގެން ކަމަށާއި އޭނާ ނުކުމެ ހުންނެވީ އެކަން ކުރުމަށްޓަކައި ކަމަށެވެ. އަދި މާލޭގެ ރައްޔިތުން އެ ފުރުސަތު ދީފިނަމަ އެކަން ސާބިތުކޮށްދެއްވާނެ ކަމަށާއި ހެޔޮ މަގުން މާލޭގެ ވެރިކަން ހިންގައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.