ކޮވިޑާ ގުޅިގެން ޅ. ނައިފަރާއި ކ. ހުރާގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް އިތުރު ފަސް ދުވަހަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
މިދިޔަ މަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ނައިފަރު މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
ނައިފަރާއި ހުރާގައި ކޮވިޑު ފެތުރެމުންދިއުމާ ގުޅިގެން އެ ދެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އޭރު ފިޔަވަޅު އަޅަން ނިންމާފައިވަނީ މިއަދުގެ ނިޔަލަށެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އަންގާފައިވާ އެންގުމާއި، އެ އެންގުމުގެ މުއްދަތު އިތުރު ފަސް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
- ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިއުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުން
- އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން
- އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން
- ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން
- ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނޭ
- ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
- ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
- ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުން
- ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން
- ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން
އަތޮޅުތެރެއިން ކޮވިޑު ކޭސްތައް އެންމެ ގިނަ ދެ ރަށުގެ ގޮތުގައި ނައިފަރާއި ހުރާ ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަދުގެ ނިޔަލަށް ނައިފަރުން 215 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިވަގުތު ހުރާގައި 121 އެކްޓިވް ކޭސް އެބައުޅެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު